ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ.ސީވީޑް އަހުމަދު ލަތީފް، އަނބުރާ ގެނެސް، އެގައުމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ގ.ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރު، ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ލަތީފްގެ ބަދަލުގައި ޖަރުމަނު ސަފީރުކަމަށް އާއިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް، ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ ހުސްވި އޭޕްރީލްމަހުގެ ތެރޭގައެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުން، ހާރިޖީ ކޮމިޓީއަށް ފޮނުވިއެވެ. އެ މައްސަލަ ކޮމިޓީން ދިރާސާކޮށް އާއިޝަތު ޝާން ޝާކިރަށް ރުހުންދޭން ކޮމިޓީން ފާސްކޮށް އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ފާސްކުރުމަށް ވޯޓަށް އެހުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 32 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެން، ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އައިޝަތު ޝާން ޝާކިރު ހަމަޖެއްދުމަށް ފާސްކުރިއެވެ.

އާއިޝަތު ޝާން ޝާކިރު ދިވެހި ސަފީރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ބަނގްލާދޭޝްގައެވެ. ނަމަވެސް މިހާރު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ. ސީވީޑް އަހްމަދު ލަތީފު އައްޔަނު ކުރެއްވީ، 20 ޖެނުއަރީ 2019 ގައެވެ.

ނަމަވެސް މިމަހުގެ އެއްވަނަ ދުވަހު ލަތީފް ވަނީ، ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވައިފައެވެ.