އަގުބޮޑުކޮށް ޓެކްސީ ހިދުމަތްދީގެ ހުށަހެޅި 57 މައްސަލަ ދިރާސާކޮށް 15 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްތަރު އާއިޝަތު ނަހުލާ މިހެން ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދަން ދަތިވެގެން އެކަމުގެ ޝަކުވާ ލިބެމުން އަންނައިރު، މިހާރަށްވުރެން ފަސޭހަކަމާއެކީ މާލޭގައި ޓެކްސީ ހިދުމަތް، ނުވަތަ ދަތުރުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ އޮޅުންފިލުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިޔުމުން ކުރެއްވި ސުވާލަށް، ލިޔުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، ޓެކްސީގެ ހިދުމަތް ހޯދަން ދިމާވާ ދަތިތައް ހައްލުކުރުމަށް އެކަމާބެހޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ގާއިމުކޮށް ފޯންކޯލާއި އީމެއިލްގެ ޒަރީއާއިން ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ކަންކަން ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ގަވައިދާ ހިލާފުވާ ޑްރައިވަރުންގެ ބަޔާން ނަގައި، އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަސިންޖަރުން ދާން ބޭނުންވާ ޑެސްޓިނޭޝަން، ދަތުރު ނެގުމުގެކުރިން ޓެކްސީ ޑްރައިވަރަށް ނޭނގޭނެގޮތަށް އެޕްލިކޭޝަންގެ ޑިޒައިން ބަދަލު ކުރުމަށް އޮންލައިން އެޕްލިކޭޝަންގެ ހިދުމަތްދޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށާއި، އެޕްލިކޭޝަން ތަކުގައި، މިނިސްޓްރީ އާއި ފުލުހުންނަށް ފެންނަން ހުންނަންޖެހޭ މައުލޫމާތު އަޕްޑޭޓްކުރުމަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ