މަތީގައި "ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން މިނިސްޓަރު"، ތިރީގައި ކުޑަ ސައިޒަކުން، "މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ" މިހެން ޖަހާފައި އޮންނަ ޕޯސްޓަރެއްގެ ފޯރި ސޯޝަލް މީޑިއާގައި ގަދަވެގެން އުޅޭތާ ދެތިން ދުވަހެއް ވެއްޖެ އެވެ. އެއަށްވުރެ ތިރީގައި، "ޢައިޝާ 24، ހުޅުމާލޭ ދެކުނުދާއިރާ، އަދި ކެންޑިޑޭޓް ނަންބަރު 4 ވެސް ޖަހާފައި އޮވެއެވެ.
ޕޯސްޓަރުގައި ހުންނަނީ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު، އާއިޝަތު ނަހުލާގެ ކެމްޕޭން ފޮޓޯއެކެވެ. އެއީ އޭނާގެ ކެމްޕޭން ޕޯސްޓަރެކެވެ. މި ޕޯސްޓަރާ ގުޅިގެން އެއްބަޔަކު ފާޑުކިޔަމުންދާއިރު، އަނެއް ބަޔަކު ވަނީ އޭގައި އޮޅުމެއް ނެތް ކަމަށް ބުނެފައެވެ. ފާޑުކިޔާ މީހުން ބުނަނީ ނަހުލާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން މިނިސްޓަރު ނޫން ކަމަށާއި، އެއީ އޮޅުވާލުމެއް ކަމަށެވެ.
އެ ޕޯސްޓަރުގައި މައްސަލައެއް ނެތްކަމަށް ދެކޭ މީހުން ބުނަނީ، އެއީ ނަހުލާގެ ކެމްޕޭންގެ އުކުޅެއް ކަމަށާއި، އިބާރާތްތައް އިސްފަސްކޮށްލާފައި އޮތީ ކަމަށެވެ. ތިރީގައި "މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ" އޮތުމުން، އެއީ އެ މިނިސްޓްރީގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރުކަން ސާފުކޮށް ދޭހަވާ ކަމަށެވެ. ތަރުތީބު އޮޅުވާލައި، ބޮޑު ޕޯސްޓަރެއް ހަދާފައި އޮތީ ސަމާލުކަން ހޯދުމަށް ކަމަށާއި ކެމްޕޭނެއްގައި ސަމާލުކަން ހޯދުމަށް އެކި ކަހަލަ އުކުޅުތައް ބޭނުންކުރާއިރު އެއީ މައްސަލައެއް ކަމަށް ނަހުލާގެ ދިފާއުގައި ވާހަކަދައްކާ މީހުން ނުދެކެއެވެ.
މިކަމާ ގުޅިގެން ސުވާލު ދެންނެވުމުން، ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާ ނަހުލާ "ވަން" އަށް ވިދާޅުވީ، ސިޔާސީ މަސައްކަތް އެކި މީހުން ކުރާނީ އެކި ގޮތަށް ކަމަށާއި އެކަންކަމުގައި އެ މީހަކަށް ތާއީދު ކުރާ އަދި ނުކުރާ މީހުންގެ ނަޒަރިއްޔާތުވެސް ތަފާތު ވާނެ ކަމަށެވެ. އެއީ މައްސަލައެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އެ ހުރިހާ ވިސްނުމަކަށްވެސް ފުރިހަމައަށް އިހުތިރާމު ކުރައްވާ ކަމަށެވެ.
"ކޮބާތޯ މައްސަލައަކީ؟ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ނޫންތޯ! ހަމަ އެގޮތަށް ނުރުހުމުގެ ލޮލަށް އައިބު ނޫން އެއްޗެއްވެސް ނުފެންނާނެ. އަޅުގަނޑުގެ މަޖިލިސް ބަހުސް ބެއްލެވި ނަމަ އޮޅުމެއް ނާރާނެ، ހުރިހާ ސުވާލަކަށް، އޮޅުންތަކަށް ސާފުކޮށް ޖަވާބު ލިބިވަޑައިގަންނަވާނެ." ނަހުލާ ވިދާޅުވި އެވެ.
ނަހުލާ އިތުރަށް ވިދާޅުވީ މަޖިލީހަށް ނުކުމެވަޑައިގެން ހުންނެވީ ހުރިހާ ފާޑުކިޔުމެއް އަންނާނެ ކަމަށް ބައްލަވައިގެން ކަމަށާއި އެކަންކަމާ މެދު ދެކިވަޑައިގަންނަވަނީ ޕޮޒިޓިވްކޮށް ކަމަށެވެ. ވަޒީރުކަމުގައި ހުންނެވިއިރުވެސް ފާޑުކިޔުންތައް އަމާޒުވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކަންކަމަށް ކުރިމަތިލައްވަނީ އެއީވެސް ލިބިވަޑައިގަންނަވާ ހިތްވަރެއްކަމަށް ބައްލަވައިގެން ކަމަށެވެ.
ކޮންމެއަކަސް، ފުރަތަމަ އަންހެން މިނިސްޓަރުކަމުގެ ބަހުސް އެއް ބަޔަކު އަދިވެސް ގެންދަނީ ފޯރީގައި ކުރިޔަށެވެ. ނަހުލާގެ ޓީމުގެ ޖާބު ސާފެވެ. އޭގައި އޮޅުމެއް ނެތެވެ. އެއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފުރަތަމަ އަންހެން މިނިސްޓަރެވެ. ސަޕޯޓަރުންގެ ޖަވާބަކީ މިއީއެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ