ޓްރާންސްޕޯޓް މިނިސްޓްރީން އާންމުންނަށް ދޭ ހިދުމަތްތައް ލަސް ކަމަށާއި އޭގެ ސަބަބުން ހިދުމަތުގެ ފެންވަރު ދަށްވެ، އާންމުން އެ މިނިސްޓްރީއަށް ކުރާ އިތުބާރު ކުޑަކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުގެ 2021-2022 ގެ އޮޑިޓް ރިޕޯޓެއްގައި ބުނެފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުދަ ދުވަހު އާއްމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރާ "މެޓްރިސް" ސިސްޓަމުގައި ކޮންޓްރޯލް މައްސަލަތައް ހުރުމުން، އެ ސިސްޓަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށާއި އޭގެ ސަބަބުން ގަވައިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ރިޕޯޓުގައި ބުނީ، ހިދުމަތް ދިނުމުގައި އިންޓަގްރޭޓް ކޮށްފައިވާ ގިނަ ސިސްޓަމްތަކެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން ސިސްޓަމްގެ ބޭރުންނާއި މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، ހިދުމަތް ދިނުމަށް ނަގާ ވަގުތު އިތުރުވާ ކަމަށެވެ. އަދި ސިސްޓަމްތައް ޒަމާކީ ޓެކްނޮލޮޖީއަށް ފެއްތުމަށް ކޮށްފައިވާ މަސައްކަތްތައް ވެސް އަހަރުތަކަށް ދިގުލައިގެން ދިއުމުން މައްސަލަތަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
"އެގޮތުން މިނިސްޓްރީން ފޯރުކޮށްދޭ ކަނޑު އުޅަނދުފަހަރާ ގުޅޭ ހިދުމަތްތަކަށް ހާއްސަ ކޮށްގެން ފަރުމާކުރަން ފެށި ޓޭވީސް ސިސްޓަމް ބޭނުންކޮށްފައި ނުވުމާއި ހިދުމަތްތައް އެއް ސިސްޓަމެއްގެ ދަށަށް ގެނައުމަށްޓަކައި ތައާރަފުކުރި ސިމްސް ސިސްޓަމުން އިންޓަގްރޭޓެޑް ހައްލެއް ލިބިފައި ނުވުން،" އޮޑިޓް ރިޕޯޓުގައިވެއެވެ،
އޮޑިޓް ރިޕޯޓުގައި ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީގައި އައިޓީ ސިސްޓަމް ބަހަލައްޓާނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި އައިޓީ ނިޒާމު ހަރުދަނާކުރުމުގެ ދުރުރާސްތާ ޕްލޭނެއްވެސް ނެތް ކަމަށެވެ.
އެ ރިޕޯޓުގައި ބުނީ، މިނިސްޓްރީގައި ކޯލް ސެންޓަރެއް ގާއިމްކޮށްފައިވީ ނަމަވެސް އެ ސެންޓަރު ހިންގާނެ ވަކި އުސޫލެއް ލިޔުމުން އެކުލަވާލައިފައި ނެތް ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ލިބޭ ޝަކުވާތައް ހައްލުކުރެވިފައިވާކަން ޔަގީންވެފައިނުވާ ކަމަށާއި ކޯލް ސެންޓަރުން ޖަވާބުދޭ މިންވަރު ދަށްވެފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ،
"ހިދުމަތް ފޯރުކޮށްދިނުމުގެ ސާވިސް ޗާޓްތައް 2022 ގައި އާންމުކޮށްފައިވީ ނަމަވެސް ހިދުމަތްތައް ފޯރުކޮށްދެނީ ސާވިސް ޗާޓާ އެއްގޮތަށްތޯ ބެލުމަށް އެސެސްމަންޓެއް ހަދައި، ހިދުމަތް ދިނުމަށް ލަސްވެފައިވާ އެޕްލިކޭޝަންތައް ދެނެގަނެ ހިދުމަތުގެ ދުވެލި އަވަސްކުރުމަށް ފިޔަަވަޅު އަޅަފައި ނުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، އާންމު ރައްޔިތުން މިނިސްޓްރީ އަށް ކުރާ އިތުބާރު ކުޑަވޭ،" އޮޑިޓް ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައި ވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުމަށް ބައެއް ބަދަލުތައް ގެނައުމަށް ލަފާ ދީފައެވެ. އެގޮތުން އައިޓީ ނިޒާމު ހަރުދަނާ ކުރުމާއި ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލުމާއި ސިސްޓަމަށް ބަދަލު ގެނައުމުގެ ޒިންމާ ނަގާ މުވައްޒަފާއި ގެންނަ ހުރިހާ ބަދަލުތަކެއްގެ ތަފްސީލު ސިސްޓަމުން ފެންނާނެ ގޮތެއް ހެދުމަށް ލަފާ ދީފައިވެއެވެ.
މީގެ އިތުރުން، ސިސްޓަމް ލޮގްތައް ގަވައިދުން ރިވިއުކުރަންވެސް ލަފާ ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު