ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ބުނީ، މަރުވެފައިވަނީ އއ. ހިމަންދޫ، ހެޕީ ރެސްޓް، އަލީ މުހައްމަދު (58އ) ކަމަށެވެ.

އަލީ މުހައްމަދު މަރުވެފައިވަނީ ޖަލު ޔުނިޓު ތެރޭގައި ހުއްޓައި ނޭވާލުމުގައި އުނދަގޫތަކެއް ކުރިމަތިވުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު، ހާލަތު ގޯސްވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހު 3:20 ހާއިރު ކަމަށް ކަރެކްޝަނުން ބުންޏެވެ.

އަލީ މުހައްމަދަކީ ދިހަ އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ. އޭނާ ޖަލަށްލުމަށް ހުކުމްކުރީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށެއް ސާބިތުވުމާ ގުޅިގެން 2020 ވަނަ އަހަރުއެވެ.

ކަރެކްޝަނުން ބުނީ އަލީ މުހައްމަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެމްއައިސީ) އަށް އަންގާފައިވާ ކަމަށެވެ.