ޚަބަރު

ޕީޕީއެމުން ކުރާ މަސައްކަތަކީ ވަކި މީހެއްގެ އަމިއްލަ ފައިދާއަށް ގައުމު ދާހިލީ ހަމަނުޖެހުމަކަށް ގެންދިއުން: ނާޒިމް

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން، "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތަކީ އެމަނިކުފާނުގެ އަމިއްލަ ބޭނުންފުޅަށްޓަކައި މުޅި ގައުމު ދާހިލީ ހަމަނުޖެހުމަކަށް ވައްޓައިލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފަރާތުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނާޒިމް ވިދާޅުވީ، އަނެއްކާވެސް ރާއްޖޭގައި ހަމަނުޖެހުންތައް ފެށުމުގެ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. އެއީ އެ ޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ރާއްޖޭގައި ދާހިލީ ހަމަޖެހުން އޮތުމަކީ މުހިއްމު ކަމަކަށްވިޔަސް ވަކި މީހެއްގެ އަމިއްލަ ފައިދާ އާއި މަންފާއަށްޓަކައި ރާއްޖެ ދާހިލީ ހަމަނުޖެހުމަކަށް ވައްޓާލާ މަންޒަރު މިހާރު ފެނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖެ ހަލަބޮލިވުމުގެ ސަބަބުން ލިބޭނީ ނިކަމެތިކަން ކަމަށެވެ. ރާއްޖެ ސިފަވެފައިވަނީ، ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތް ގައުމެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ރާއްޖެ އަކީ ހަމަނުޖެހުން އޮތް ގައުމެއް ކަމަށް ދެކޭނަމަ އިތުރު އިންވެސްޓަރުން ރާއްޖެ ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުން ލައްވައި ސިޔާސީ ކަންކަން ކުރުވާ އިރު، ރާއްޖޭގެ މަސްރަހު ހަލަބޮލި ނުވާގޮތަށް އަދި މަސްލަހަތު ނުގެއްލޭގޮތަށް ކަންކަން ކުރުމުގެ ރަނގަޅު ގޮތް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

އަނެއްކޮޅުން އިންޑިއާ އައުޓް އެއްވުންތައް ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. މާލޭގެ މަގުމައްޗަށް ތިރީހަކަށް މީހުން ނުކުމެ ކުރާ އެފަދަ މުޒާހަރާތްތައް ހުއްޓުވުމަށް ސިފައިން ނެރެން ނުޖެހޭނެ ކަމަށާއި ފުލުހުންނަށް އެކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަކި ގައުމެއްގެ ރައްޔިތުން މިގައުމުން ބޭރުވާން ގޮވާލައި ހަޅޭއްލެވުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެމްއެންޕީގެ ސިޔާސަތަކީ ބޭރުގެ ވަކި ބަޔަކަށް ރާއްޖޭގެ އިގުތިސާދު ބަރޯސާ ނުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.