ޚަބަރު

މުހައްމަދު އިސްމާއިލް އަނެއްކާވެސް ހައްޔަރުކޮށްފި

މުހައްމަދު އިޝާން

"އިންޑިއާ އައުޓް" ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ހޯރަފުށި ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު އިސްމާއީލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގިކަމުގެ ތުހުމަތަށް ފުލުހުން އެންމެ ފުރަތަމަ މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އެގޮތަށް ކޯޓުން އަމުރު ކުރީ ފުލުހުން ފޯނުން ކޯޓު އަމުރު ދެއްކުމަށްފަހު މުހައްމަދު އިސްމާއީލް ހައްޔަރުކުރުމުންނެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ މީޑިއާތަކަށް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވާ ކަމަށެވެ. މުހައްމަދު އިސްމާއީލަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާއެވެ.

މުހައްމަދު އިސްމާއީލުގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަސީމުގެ ބަންދަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.

މީގެ އިތުރުން މާލޭގެ ފާރުތަކުގައި ''އިންޑިއާ އައުޓް" ކުރަހާ މައްސަލައިގައިވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އޭއީ ކ. މާލެ، މއ. ލެއްގި، އުމުރުން 34 އަހަރުގެ އަބްދުލްޣައްފާރު އަބްދުލްޣަފޫރެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ދީފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން ހަތަރު މީހަކު މީހުން ދެނެގަނެވި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ދަށުން ދައުލަތުގެ އިދާރާތަކަށް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގަވައިފައެވެ.

ރައީސްގެ ގަރާރަށްފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ވެސް ނަގަމުންނެވެ.

މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އަޅާފައިވާ އިރު، ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވެސް ވަނީ މި ކަރުދާސްތައް އަޅައިފައެވެ.

މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުންނަ މ. އެންދެރިގަސް ގޭގެ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭއިން ލިޔެފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް އިންޑިއާ އައުޓު ސްޕްރޭކޮށް ގެއްލުންދީފައިވެއެވެ.