ޖެންޑާ މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން "ގެވެށި ގުޅުން ފެމިލީ ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭގައި ފެސްޓިވަލެއް ބާއްވައިފިއެވެ.
އެ ފެސްޓިވަލް ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ.
ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ފެސްޓިވަލް ކުރިއަށްގެން ދިޔައީ ހުރިހާ އުމުރެއްގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށެވެ.
މި ފެސްޓިވަލްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުންނާއި އެޗްޑީސީގެ ފަރާތުންނާއި ބައެއް އާއްމު ފަރާތްތަކުން ވަނީ ސްޓޯލްތައް ބަހައްޓައި ކުޑަކުދިންނާ ގުޅުންހުރި އެކިއެކި ކަންކަން އެ ސްޓޯލްތަކުގައި ކުރިއަށް ގެންގޮސްފައެވެ.
އެ ފެސްޓިވަލްގައި އަމިއްލަ ދެ ޖަމިއްޔާއެއް ކަމަށްވާ މޮމްސް އާއި ވުމަން އިން މެނޭޖުމެންޓް މޯލްޑިވްސް (ވިމް)ގެ ސްޓޯލެއްވެސް ބަހައްޓާފައި ހުއްޓެވެ. ވިމްގެ ސްޓޯލް ހާއްސަކުރީ އާޓް އެންޑް ކްރާފްޓަށެވެ.
ރޮބޯމޭންގެ ހަރަކާތްތަކާއި އެމްއެންޑީއެފާއި ފުލުހުންގެ ޑްރިލްތަކާއެކު ކުރިއަށްގެންދިޔަ ފެސްޓިވަލްގައި ގުރުއަތުން ހޮވުނު ފަރާތަކަށް ވަނީ އާއިލާއާއެކު ފަސްތަރީގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފައެވެ. އަދި ފްލައިމީގެ ފަރާތުން ވަނީ އާއިލާއަކަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދީފައެވެ.
ދިރާގުގެ ފަރާތުން ދިހަ ބޭފުޅަކަށް ދިހަ ޖީބީ މޯބައިލް ޑޭޓާ ދިން އިރު، ނަސީބުވެރި ފަރާތްކަށް އުރީދޫގެ ފަރާތުން ފަސް ޖީބީ އެއާ ފައިބާ ރައުޓާ 300ޖީބީގެ ޕެކޭޖަކާ އެކު ދެމަހުގެ ފީ ހިލޭ ދީފައިވެއެވެ.