ޚަބަރު

ވީއައިއޭގެ ގިނަ މަޝްރޫއުތައް ނިމުމަކާ ގާތަށް، މަޝްރޫއުތައް ރައީސް ބައްލަވާލައްވައިފި

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޒިޔާރަތްކުރައްވައި، އެ އާޕޯޓުގައި ކުރިޔަށް ގެންދާ މަޝްރޫއުތައް ބައްލަވާލައްވައިފިއެވެ.

ރައީސް ވީއައިއޭއަށް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއާޕޯޓު ބައެއް ސަރަހައްދުތަކަށް ވަޑައިގެން، އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވައިފައެވެ. އެގޮތުން ރައީސް ވަނީ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލާއި ފަޔާ ސްޓޭޝަނާއި ޕެސެންޖާ ޓާމިނަލް ބިލްޑިންގެ އިތުރުން ކާގޯ ޓާމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފައެވެ.

ރައީސް އޮފީހުން ބުނީ އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތުގެ 99.9 ޕަސެންޓް ނިމިފައިވާ އިރު، މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓް އައުޓްގެ މަސައްކަތްތައް ކަމަށެވެ. އަލަށް ގާއިމުކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ އިރު، މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ފިއުލް ފާމުގެ މަސައްކަތުގެ ވެސް 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔާ ފައިޓިން ސިސްޓަމްތަކާއި ސެކިއުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓު ކުރުން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމް ކުރި ލޭންޑް ސައިޑް ފިއުލިން ސްޓޭޝަންގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މި މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެ ކަމަށްވެސް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް 93 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. ދެން އޮތީ އެތެރޭގައި ފެންސް ޖެހުމާއި ފިނިޝިންގެ މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލް ކުރުން ފަދަ ކަންކަމެވެ. އަދި ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ހުރުމުން އަންނަ ސެޕްޓެމްބަރު މަހު ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓާމިނަލާއި އިންވެގެން ތަރައްގީ ކުރަމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ ވެސް 98 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގެ 30 ޕަސެންޓް ނިމި، އެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.