ޚަބަރު

12 ކިލޯގެ ޑްރަގް ކޭސް: ދެ މީހެއްގެ މައްޗަށް ދައުވާކޮށް، އެކަކު ޑީޕޯޓް ކޮށްލަނީ

މުހައްމަދު އިޝާން

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) އަދި މެރިން ޕޮލިސް ގުޅިގެން މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަތް 12.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ނ. ވެލިދޫ / މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމް (30އ) އަދި ހުސެއިން ސަބާހް ކަމަށް ފުލުހުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ސްމޭޝް ކޭއޭ ކްރިޝްޓަންގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި މުހައްމަދު އަބްދުއްލަތީފުގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، އެ ދެ މީހުންގެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ މިއަދު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ކަވްސަރު އަލަމުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ އޭނާގެ ބައި އަނބުރާ ފޮނުވާލައި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަން ސާވިސްއަށް އެންގުމަށް ފުލުހުންނަށް ލަފާދީފައިވާ ކަމަށްވެސް ޕީޖީން ބުންޏެވެ.

މީގެ އިތުރުން ހުސެއިން ސާބަހުގެ ބައި އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.

ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ މީގެކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓުގައެވެ. މީގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. މުހައްމަދު އަބްދުއްލަތީފަކީ ވެސް ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.