ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިއެވެ.
ޒަކާތު ހައުސްއިން މިއަދު ބުނީ ބޯންމެރޯ ހެދުމަށް ހަމަޖެއްސި އެ ފައިސާ އިއްޔެ ވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ހަވާލުކޮށްފައި ކަމަށެވެ. މިއީ ތެލެސީމިއާ ކުދިންނަށް ދައުލަތުގެ އެހީގައި ހިލޭ ބޯންމެރޯ ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްދާ މަސައްކަތެއްކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމުގެ އިންތިޒާމު 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވަނީ ހަމަޖައްސާފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް ޖުމްލަ 24 މީހަކަށް ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިދިޔަ ނޮވެންބަރު މަހު ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
ތެލެސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ހެދުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވީ ނަމަވެސް، އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.
މުހައްމަދު އިޝާން
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ކޮމެންޓް