މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ރުފިޔާ ކާޑުން ދެން އީ ކޮމާސް ސައިޓުތަކަށް ކުރެވޭނީ 10 ޓްރާންސެކްޝަންކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީން މިރޭ ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުންދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުންވަނީ އެ ލިމިޓް އެހެން ބޭނުންތަކަށް ބޭނުންކޮށްފައި ކަމަށެވެ.

އެހެންވެ ދެމެހެއްޓެނެވި ގޮތެއްގައި އެ ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަން ދިނުމުގެ ގޮތުން ބައެއް ވިޔަފާރި ސައިޓުތަކުން އެ ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް އެމްއައިބީން ބުންޏެވެ.

"މި ނިންމުމާއިއެކު އީ ކޮމާސް ސައިޓުތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަނެވެ" އެމްއައިބީން ބުންޏެވެ.

އެ ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓުތައް ފިޔަވާ ކަސްޓަމަރުން އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި، ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ހަރަދުތަކަށް 250 ޑޮލަރު ލިމިޓް ބޭނުން ކުރެވޭނެކަމަށް އެމްއައިބީން ބުންޏެވެ.

މިފަދަ ނިންމުމެއް ނިންމި ސަބަބަކީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް އެމްއައިބީން ބުންޏެވެ.