މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަކީލް ވަނީ އެ މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި ކަމަށެވެ.
އެހެންވެ އިސްތިއުފާ ގަބޫލުކޮށް، އޭނާ އެ މަގާމުން ވަކިކޮށްފައިވާކަމަށް ޕީސީބީން ބުންޏެވެ.
ޝަކީލް، ހައްޖު ކޯޕަޜޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފައިވަނީ އޭނާ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
އީސީން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން، ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި، ޝަކީލަށް މަޖިލީހުގެ ރުހުން ހޯއްދެވުމަަށް މަޖިލީހަށް ފޮނުއްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.
މިމަހުގެ 15 ވަނަ ދުވަހު އެ މައްސަލަ މަޖިލިސް ތަޅުމަށް ގެނައުމަށްފަހު، އިތުރަށް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.
އޭނާ އީސީގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް ނިންމައި ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވީ އިއްޔެއެވެ.
އިސީގެ މެންބަރުކަމުގެ މަގާމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާ އީސީގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރުންނެވެ.
ޝަކީލް މީގެކުރިންވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށިގެން ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާ އިރު، 2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީއަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.
އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލް އާއި ރިފްއަތު އަބްދުﷲ އެވެ.
މުހައްމަދު އިޝާން
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ކޮމެންޓް