އޭއެފްސީ ކަޕް

މާޒިޔާގެ ފުރަތަމަ މެޗުގައި ބަޝުންދަރާ އަތުން ބަލިވެއްޖެ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފުރަތަމަ މެޗުގައި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވެއްޖެއެވެ.

އިންޑިއާގެ ކަލްކަތާގައި ސެންޓްރަލައިޒްކޮށް ކުޅެމުންދާ އޭއެފްސީ ކަޕް ގްރޫޕު ސްޓޭޖުގައި މާޒިޔާއިން މިރޭ ކުޅުނު މެޗުގައި ބަޝުންދުރާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ވަރުގަދަކޮށް ފެށީ އޮސްކާ ބްރޫޒޯންގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ބަޝުންދަރާ އިންނެވެ. ބަޝުންދަރާގެ ގެމްބިއާގެ ފޯވާޑު ނުހާ މުރޮން އާއި ސޮހޭލް ރާނާގެ ހަމަލާތައް ފުރަތަމަ ހާފުގައި ފާހަގަވެފައިވާ އިރު، މާޒިޔާގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ ދިހަވަނަ މިނެޓުގައެވެ. މާޒިޔާއަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ އަމާޒުވީ ބަޝުންދަރާ ގޯލުގައި ހުރި ބަންގުލަދޭޝް ގައުމީ ޓީމުގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ އަތަށެވެ.

މާޒިޔާގެ ކުރިން ހަމްޒާ މުހައްމަދު (ހަމްޕު) އަދި ޓަނާ ޑޮމިނިގޭޒްގެ ނުރައްކާތެރިކަން މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ބަޝުންދަރާއިން މެޗުގެ 33 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލު ޖެހީ މުރޮންއެވެ. މުރޮން ގޯލު ޖެހީ މާޒިޔާގެ ޑިފެންޑަރު، ސަމޫހު އަލީ (ސަމުއްޓެ) އާއި ކީޕަރު ކިރަން މެދުތެރެއިން އަރައި ފަސޭހަކޮށެވެ.

ދެވަނަ ހާފު މާޒިޔާއިން ފެށީ ވަރުގަދަކޮށެވެ. ސާބިއާގެ ޑިފެންޑަރު ނަމާންޏާ ކާޓާލްއަށް ޓަނާގެ ހުރަހަކުން ފުރުސަތު ލިބުނު އިރު، އޭނާ ޖެހި ބޯޅަ ދިޔައީ މައްޗަށެވެ. އޭގެ އިތުރުންވެސް ޓަނާ އާއި ހުސައިން ނިހާން (ނިހާޓް)އަށް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ސްޓެވާޓާއި ހަމްޕު ޖެހި ބޯޅަތައް މަތަކުރީ ބަޝުންދަރާގެ ގޯލްކީޕަރު އަނީސުރެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ބަޝުންދަރާއިން ކައުންޓަ އެޓޭކެއްގައި ރަނގަޅު ހަމަލާއެއް އުފެއްދިއެވެ. ބަޝުންދަރާގެ ބްރެޒިލް މިޑްފީލްޑަރު މިގޭލް ފެރޭރާ ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފައެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު، އިންޑިއާ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ ވަނީ 4-2 އިން އިންޑިއާ ސުޕަ ލީގުގެ ޓީމު، އޭޓީކޭ މޯހަން ބަގާން ބަލިކޮށްފައެވެ.

މާޒިޔާއިން ދެން ކުޅޭ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ގޯކުލަމް ކެރެލާ އެފްސީއާ ދެކޮޅަށެވެ.