ވައިގެ މަގުން ބްރެޒިލުން ރާއްޖެ އައި އެމެރިކާ މީހެއްގެ އަތުން ދިހަ މިލިއަން ރުފިޔާގެ ކޮކެއިން، މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ރާއްޖެ އައި އެމެރިކާގެ ރައްޔިތަކާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 2.064 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މި މައްސަލައިގައި ޝާމިލުވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.