ޚަބަރު

ޝަރީފްގެ ޓާނިން ޕޮއިންޓް: އަމިއްލަ ޕާޓީން ދިނީ ފުރާނަޔަށް ނުރައްކަލުގެ އިންޒާރު، ހާލުބެލީ ރައީސް ސޯލިހާއި ނަޝީދު!

މުހައްމަދު ސިމާއު

1

ސެޕްޓެމްބަރު 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިއެވެ. އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޕީޕީއެމްގެ "ރަތްލާޖެހި" މެންބަރެކެވެ. އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިރު, އޭނާއާއި ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަކީ ވަރަށްވެސް ގާތް ދެ ބޭފުޅުންނެވެ. ކުރީއްސުރެ އެކުގައި ސިޔާސީ މަސައްކަތް ކުރެއްވި ދެ އެކުވެރީންނެވެ. ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމުގެ ކެމްޕޭނުގައިވެސް އިސްކޮށް ޝަރީފު އުޅުއްވިއެވެ.

އެ ގުޅުން އެގޮތަށް އޮއްވައި ޝަރީފް، އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރެއްވިއެވެ. އެއީ ރިޔާސީ އިންތިހާބަށް ފައްކާކުރަމުންދިޔަ ދުވަސްވަރަށް ވެފައި, މިނިވަން މުއައްސަސާއަކަށް އަރިސް ބޭފުޅެއް އައްޔަން ކުރުމުން މައްސަލަ ބޮޑުވިއެވެ. ކޮމިޝަނުގެ ނިންމުންތައް ޕީޕީއެމް ބޭނުންވާ ގޮތަށް ނިންމަމުންދާ ކަމަށް ބުނެ, އޭރު އިދިކޮޅު ޕާޓީތަކުން (މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން) ބޮޑެތި ތުހުމަތުތަކެއް ޝަރީފާއި އީސީގެ މެންބަރުންނަށް ކުރިއެވެ. އެ ތުހުމަތުތައް ކުރަމުން ދަނިކޮށް, 2018ގެ އިންތިހާބުގައި ޔާމީންގެ މައްޗަށްކުރި ހޯއްދެވީ މިހާރުގެ ރައީސް, އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހިސާބުން މައްސަލަ ގޯސްވީއެވެ. އެ ނަތީޖާ ޔާމީނަށް އަދިވެސް ގަބޫލުފުޅުކުރަން ދައްޗެވެ. އިންތިހާބުން ބަލިވިކަން ޔަގީންވި ހިސާބުން ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ. އެކަމުގެ ތުހުމަތު ޔާމީން އެންމެ ބޮޑަށް ކުރައްވަނީ ޝަރީފަށެވެ. ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރެއްވި ކަމަށާއި އިންތިހާބުގެ މައްސަލަ ބަލަންވެސް އީސީން ހުރަސްތަކެއް ކުރިމަތިކުރުވި ކަމަށް ތުހުމަތު ކުރެއްވިއެވެ. އެންމެފަހުން ޝަރީފަކީ ހާއިނެއް ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ޝަރީފު މީގެ ކުރީން ރައްދުތަކެއް ދެއްވައިފައިވީ ނަމަވެސް, "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި އޭނާ ވަނީ އެކަމުގެ ތަފުސީލުތަކަށް ވަޑައިގެންފައެވެ.

ޝަރީފު ވިދާޅުވި ގޮތުގައި, ރިޔާސީ އިންތިހާބަށްފަހު އޭނާއަށް, އަމިއްލަ ޕާޓީން ނުކިޔާ ހުތުރުއެއްޗެއް ނުގޮވާ އެއްޗެއް ނެތެވެ. އެކަމާ ފުރަތަމަކޮޅު ދެރަވި ނަމަވެސް އެކަމަކުން އޭނާއަށް ކުރި އަސަރެއް ނެތެވެ. އެކަމުން އެއްޗެކޭ ހީވެސް ނުވާ ކަމަށާއި މީހަކު އެއްޗެކޭ ކިޔާހެންވެސް ހީނުވި ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އޭނާގެ ވިސްނުން ބަދަލުވީއެވެ.

"ޕީޕީއެމްގެ ތެރޭގައި އެދުވަސްވަރު, އިންތިހާބުގެ ތެރޭގައި އަޅުގަނޑަށް ހީނުކުރާވަރަށް، ފުރާނައަށް ނުރައްކާވާ ލެވެލްގެ އިހުސާސްތައް އަންނަވަރަށް ޕްރެޝަރު އައި. އެކަމުގައި އަޅުގަނޑަށް ހަގީގަތުގައިވެސް އެންމެ ކައިރިން އަޅުގަނޑުގެ ކަންތައްތައް ބައްލަވަމުން ގެންދެވި އެއް ބޭފުޅެއް އެއީ ރައީސް ނަޝީދު. އަޅުގަނޑު ކުރިން ޕީޕީއެމްގައި ހުރި އިރުގައި, ސިޔާސީ ގޮތުން ހުންނާނެ ވަރަށް އެހެން ކަހަލަ އެއްޗެހިވެސް ރައީސް ނަޝީދާ ދިމާލަށް ބުނެވެފައި. އަޅުގަނޑު ވަރަށް ފަހުން ދެންނެވިން އެއީ ސިޔާސީ ގޮތުން އެޅުނު ވަރަށް ބޮޑު ޅައެއްޗެކޭ. އެކަމަށް މައާފަށްވެސް އެދެމޭ. ހަގީގަތަކީ އެކަހަލަ ޑިފިކަލްޓް ސިޗުއޭޝަނެއްގައި ހުރި އިރުގައި އަޅާލާ މީހެއްގެ ވަރަށް ބޮޑަށް ގަބޫލުކުރެވޭނެ," ޝަރީފު ވިދާޅުވިއެވެ.

"ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ނުވަތަ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ގުޅުއްވައި ސެކިއުރިޓީ ކަންތައްތައް ރަނގަޅުތޯ ބައްލަވާ. އެއީ ބޭރުގައި ހުންނަވައިގެން. ރައީސް ސޯލިހު އޭރު ހުވައެއް ނުކުރައްވާ. ނަމަވެސް ބައްލަވަން ވަޑައިގެންނެވި. ކޮންމެއަކަސް އެބޭފުޅުންގެ އެ އެޓިއުޑްގައި ހަމަ ޓަޗް މައި ހާޓް. ވާހަކައަކީ އަޅުގަނޑުގެ މީހުންގެ ގޮތުގައި ދެކުނު މީހުން އަޅުގަނޑަށް އިންޒާރު ދިނުމާއި ހަޅޭއްލެވުމާއި އާއިލާއަށާއި މީހުންނަށް ބިރުދެއްކުމާއި, އަޅުގަނޑުމެންގެ ވިސްނުމުގައި ނޫން ގޮތުގައި ތިބި މީހުން އަޅުގަނޑުމެންގެ ހާލު ބަލައި, ހާލު އަހުވާލު އަހާލައި. އެ ހާލަތުގައި ހުރި މީހެއްގެ ހާލު އަހާލުމަކީވެސް ވަރަށް ބޮޑަށް ކަމެއް ގޮތުގައި ދެކެނީ. އެއީ އަޅުގަނޑުގެ އަސްލު ޓާނިން ޕޮއިންޓަކީ," ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި, އޭރުގައި އެމްޑީޕީގެ ފިކުރާއި އޭނާގެ ހިޔާލާ ވަރަށް ތަފާތެވެ. ނަމަވެސް އެމްޑީޕީ މިހާރު ރިފޯމްވަމުން އަންނަ އިރު, އޭރުގައި ހުރި ފިކުރާ މާބޮޑަށްވެސް މިހާރު ތަފާތެވެ. އެހެންކަމުން ސިޔާސީ މަސައްކަތްކުރުމަށް އެމްޑީޕީއަށް އޭނާ ގުޅުމަކަށް މިހާރު ހުރަހެއް ނެތެވެ. އަދި އެމްޑީޕީއާ ގުޅެންޖެހިއްޖެ ހާލަތެއްގައި އެޕާޓީއާ ގުޅުމަކީވެސް ފަސް ޖެހޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން އޭނާ ބަލައިގެންފާނެ ކަމަށް ގަބޫލުކުއްވަންތޯ ސުވާލުކުރުމުން ޝަރީފު ވިދާޅުވީ, އޭނާ އެމްޑީޕީއަށް ގުޅުމަކީ ރިސޯސްފުލް ބާރަކަށްވާނެ ކަމަށެވެ. އެގޮތުން އޭނާ ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ ތިމަރަފުށީގައި ޕީޕީއެމް އުފެއްދީވެސް އަދި ޕީޕީއެމްގެ ހުރިހާ ކަމެއް ކުރީވެސް އޭނާ ކަމަށާއި އެހެންކަމުން އެރަށުގެ ގިނަ ބަޔަކު އޭނާ އެނބުރޭ ސިޔާސީ ދިމާލަކަށް މިސްރާބު ޖަހާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.