މުޙައްމަދު އަސްލަމް

ޒިންމާގައި ނުހިމެނޭ ދާއިރާތަކުގެ މަސައްކަތްތަކަށް ސަރުކާރު ކުންފުނިތައް ވަދެގެންނުވާނެ: މިނިސްޓަރު އަސްލަމް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެއިންޑޭޓްގައި ނުހިމެނޭ މަސައްކަތްތަކަށް އެ ކުންފުނިތައް ވަދެގެން ނުވާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު އަފީފު މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވީ، ސަރުކާރުގެ ބައެއް ކުންފުނިތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަށް ނިންމާފައިވާ މައްސަލައާ ބެހޭގޮތުންނެވެ.

އެގޮތުން ސްޓެލްކޯ އާއި ފެނަކައިން، މި ތަންތަނުގެ ހިދުމަތް ރަނގަޅު ކޮށް ކަރަންޓްގެ އަގު ހެޔޮ ކުރުމަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަންނަން އުޅޭ ކަމަށާއި، ފުލުހުންގެ ހިދުމަތް ރަނގަޅު ކުރުމަށް ޕޮލްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަނުމުގެ އިތުރުން، ގައުމީ ސަލާމަތާބެހޭ ކަންކަން ރަނގަޅުކުރަން ސިފްކޯއިން ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، އެފަދަ ވިޔަފާރިތަކަށް ދައުލަތުން ނުވަންނާނެކަމަށް އެމްޑީޕީގެ އިލެކްޝަން މެނިފެސްޓޯގައިއޮންނަ އިރު އެއީ ކިހިނެއް ހިނގާ ކަމެއްތޯ މެންބަރު އަފީފު ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެހެން ކަންކަމަށް އުފެދިފައި ހުރި ސަރުކާރުގެ ކުންފުނިތަކުން ކަމާ ނުގުޅޭ ދާއިރާތަކަށް ވަނުމަކީ ޕްލޭނިން މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެކަންކަމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މިނިސްޓްރީން ކުރިއަށް ގެންދާ އެފަދަ މަޝްރޫއެއް ކަމާ ނުގުޅޭ ސަރުކާރުގެ ކުންފުންޏަކަށް ދީފައި ނުވާނެ ކަމަށެވެ. ވިޔަފާރި ފުޅާކުރުމުގެ ނަމުގައި ކަމާ ނުގުޅޭ ދާއިރާތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނުމަކީ އެ ކުންފުނިތަކުގެ އަސްލު މަސައްކަތުގެ ފޯކަސް ގެއްލި، ނުރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން އެއީ ތަރުހީބުދޭ ކަމެއްނޫން ކަަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުން ބާރުއަޅާ ކަމެއްްނޫން ކަމަށާއި، ސަރުކާރު ސިޔާސަތެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން އެއް މަސައްކަތް ސިފްކޯއާ ހަވާލު ކުރި ކަމަށެވެ. ނަމަވެސް އެއީ އެ މަސައްކަތް ކުރި ތަނުގެ ގޮތުން، އެހެން ބަޔަކަށް އެ މަސައްކަތް ދިނުމަށް ސަލާމަތީ ބާރުތަކުން ދެކޮޅު ހެދުމުން ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ޓެންޑާ ޕްރޮސެސްއަށް ލައިގެން ސިފްކޯ އަށް، ޕޮލްކޯއަށް، ނުވަތަ ފެނަކައަށް މަސައްކަތް ދީފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.