ޚަބަރު

ފުލުހަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މީހަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މުހައްމަދު އިޝާން

ފުލުހަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މީހަކު އެއް އަހަރާއި ތިން މަހާއި 17 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސ. ހިތަދޫ، އައްޒާ، މުބާރިކް އަހުމަދު 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ 23:30 ހާއިރު ތޫނު ހަތިޔާރު ހިފައިގެން ސ. ހިތަދޫ ޒިޔާރަތް ފަންނު ކިޔާ ސަރަހައްދުގައި އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އޭނާ ހޯދަމުން ދަނިކޮށް، ސ. ހިތަދޫ ބާދިރީގެ ކައިރީގައި މުބާރިކް ހުއްޓައި ފެނުމުން، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމަށް ބޭނުންވާކަމަށް ފުލުހުން ބުނުމުން، އެކަމަށް މުބާރިކް އިންކާރުކޮށް ޕޮލިސް ކޯޕްރަލް ޝަޒަން އިބްރާހީމް މުހައްމަދާ ދިމާއަށް "މަރާލާނަމޭ" ބުނެ ވަނީ އިންޒާރުދީފައެވެ.

މުބާރިކުގެ އެ އަމަލަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ބިރުދެއްކުމުގެ އަމަލަކަށްވާތީ ދައުލަތުގެ ފަރާތުން ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

ދައުލަތުގެ ފަރާތުން ދައުވައި އިއްވައި ނިމުމުން މުބާރިކް ކޯޓުގައި ބުނެފައިވަނީ، ދައުވާ ސާފުވެއްޖެ ކަމަށާއި އެ ހާދިސާ ހިނގިއިރު ދެބަސްވުންތަކެއް ހިނގި ނަމަވެސް މަރުގެ އިންޒާރުދީ، ދައުވާގައި އެ ބުނާ ބަސް ބުނިކަން ހަނދާން ނުވާ ކަމަށެވެ. މުބާރިކް ބުނެފައިވަނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި، މައްސަލައިން ދިފާއުވުމަށް ވަކީލަކު ބޭނުންނުވާ ކަމަށެވެ.

މުބާރިކް ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ކުށް ސާބިތުކުރުމުގެ ގޮތުން ހެކިވެރިންގެ ގޮތުގައި ތިން ފުލަހަކު ހުށަހަޅައިފައެވެ. އެއީ އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ފުލުހުންނެވެ.

އެ ތިން ފުލުހުން ވެސް ހެކިބަސްދެމުން ބުނެފައިވަނީ ދައުވާގައި ބަޔާންކޮށްފައިވަނީ ހާދިސާ ހިނގިގޮތް ކަމަށާއި، ޕޮލިސް ކޯޕްރަލް ޝަޒަން އިބްރާހީމް މުހައްމަދާ ދިމާއަށް "މަރާލާނަމޭ" ބުނެ މުބާރިކް އިންޒާރުދިން ކަމަށެވެ.

ދިފާއުގައި ހެކި ހުށަހަޅަން ލިބުނު ފުރުސަތުގައި މުބާރިކް އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ހުށަހަޅައިފައެއް ނުވެއެވެ.

އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވިދާޅުވެފައިވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ބަހުން މުބާރިކްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ. މުބާރިކުގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ހެކިވެރިންގެ ބަހުންގެ އިތުރުން ސީން އޮފް ކްރައިމްސް އޮފިސާ ރިޕޯޓުންނާއި މެޑިކޯ ލީގަލް ރިޕޯޓުން ސާބިތުވާ ކަމަށެވެ. ދައުލަތުން މެޑިކޯ ލީގަލް ރިޕޯޓު ހުށަހެޅީ މުބާރިކް ބަލައި ފާސްކުރަން ޝަޒަން އިބްރާހީމް މުހައްމަދު މަސައްކަތް ކުރުމުން މުބާރިކް ޝަޒަންގެ އަތުގައި ވަކިއަޅައި އަނިޔާކޮށްފައިވާތީއެވެ.

މުބާރިކް އޭނާގެ ހުލާސާ ބަޔާނުގައި ބުނެފައިވަނީ ހެކިވެރިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން އެ ހެކިވެރިންގެ ހެކި ބަހުގައި ތަފާތަށް ރިއާޔަތް ކުރުމަށްފަހު މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދޭ ކަމަށެވެ.

އަދަބާ ބެހޭގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި ދައުލަތުން ވިދާޅުވެފައިވަނީ ބިރު ދެއްކުމުގެ ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ އަދަބެއް އަންނަ ކުށެއް ކަމަށާއި މުބާރިކަށް އަންނަ ހުކުމް ލުއިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ އޭނާ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިނުވާތީއެވެ.

މުބާރިކް ބުނެފައިވަނީ، އޭނާއަކީ ކުރިން ވެސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުރި މީހެއް ކަމަށްވުމުން ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދޭ ކަމަށެވެ.

ދެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތް ކުރުމަށްފަހު ޝަރީއަތުން ހުކުމްކުރީ މުބާރިކް ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ. އެގޮތަށް ހުކުމްކުރީ ބިރު ދެއްކުމުގެ ކުށުގެ މާއްދީ ރުކުން ފުރިހަމަވޭތޯ ބެލިއިރު މުބާރިކް އިންޒާރު ދިން ބަހަކީ އެ ރުކުން ފުރިހަމަވާ ބަހަކަށް ވުމުންނެވެ. އަދި ތިން ހެކިވެރިން ދިން ހެކިބަހުން މުބާރިކް އިންޒާރު ދިންކަން ސާބިތުވާތީއެވެ.

މުބާރިކުގެ މައްޗަށް ދައުލަތުން ވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައެވެ. އެއީ ފުލުހެއްގެ އަތުގައި ވަކިއަޅައި އަނިޔާ ކުރުމުންނެވެ. ޝަރީއަތުން ހުކުމްކުރީ އަނިޔާ ދިނުމުގެ ކުށް ވެސް މުބާރިކުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުގައި އޭނާ ނުވަ މަހާއި 17 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މި ދެ މައްސަލަ ވެސް ބެއްލެވީ ގާޒީ ސަފްއަތު ހަބީބެވެ.