ޚަބަރު

ވިލިމާލެ ޑަބްލިޔުޑީސީ އިންތިހާބު: ދެ ކަރުދާހެއްގެ ޝަކުވާއާ ގުޅިގެން ވޯޓު ފޮއްޓެއް ޗެކް ކުރަން ނިންމައިފި

މުހައްމަދު އިޝާން

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ދެ ކަރުދާހެއްގެ ޝަކުވާއާ ގުޅިގެން ވޯޓު ފޮއްޓެއް ޗެކް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

ވިލިމާލެ ދާއިރާގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އޮތީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާ އަށް ލިބުނީ 358 ވޯޓެވެ. އަދި އެ ގޮނޑި ކާމިޔާބުކުރި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއަށް ލިބުނީ 359 ވޯޓެވެ. އެންމެ ވޯޓެއްގެ ތަފާތު އުޅޭތީ އެމްއެންޕީގެ ފަރާތުން ވަނީ އަލުން ވޯޓު ގުނައިދިނުމަށް އީސީގައި އެދިފައެވެ.

އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ވިލިމާލެ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް މިހާރު އެ ކޮމިޝަނުން ބަލާފައިވާ ކަމަށެވެ. އެ ޝަކުވާތައް ބެލުމަށްފަހު އެ ކޮމިޝަނުން ނިންމީ، މުހްޔިއްދީން ސްކޫލުގައި ބެހެއްޓި އެއް ނަމްބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް ޗެކް ކުރުމަށެވެ.

އެމްއެންޕީން އީސީއަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، ވޯޓު ގުނާފައިވަނީ ބާތިލު ވޯޓު ހިމަނައިގެން ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.