ޚަބަރު

އާޒިމާގެ މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

އިބްރާހިމް ޒަކީ

ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްގެން ކުރިއަށްދިޔައިރުވެސް އެ މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ ކަމަށްބުނެ ދައުލަތުން ތަކުރާރުކޮށް އިޖުުރާއީ ނުކުތާ ނެގިއެވެ.

ދައުލަތުން ބުނަނީ މި މައްސަލަ ހުށަހެޅި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށްދިޔަ އިރު، އާޒިމާގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިހާޔަތަކީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން އެ މައްސަލައިގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއް ކަމަށެވެ. އެހެންކަމުން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާއަށް އާޒިމާގެ ދިފާއީ ވަކީލުކަން މި މައްސަލައިގައި ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް ތަކުރާރުކޮށް ނިހާޔަތު ވިދާޅުވެފައިވަނީ ޕީޖީގައި އެ މައްސަލަ އޮތް އިރު، މައްސަލައާ ބެހޭ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ދައުރެއް ނުވަތަ ބައިވެރިވުމެއް އޮތް ގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ދެއްކީ ހުސް ވާހަކަ ކަމަށާއި އެ މައްސަލައިގެ ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި މައްސަލައާ އެއްވެސް ގުޅުމެއް ނެތް އިރު، ހަމައެކަނި އެ އޮފީހުގައި އުޅުނީތީ މަސްލަހަތު ފުށުއަރާކަމަށް ދެކުމަކީ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ހައިކޯޓުން މި މައްސަލައިގައި ކަނޑައަޅާފައިވަނީ، އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މި މައްސަލައިގައި ނިހާޔަތަށް މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. ނިހާޔަތުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ ވެސް އަޒީމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައެވެ.

ދައުލަތުން ވިދާޅުވެފައިވަނީ ފަޒްނާއަށް ވެސް އެ މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމީ ފަޒްނާއަށް ވެސް ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.

އާޒިމާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްގެން ކުރިއަށްދިޔައިރުވެސް ދައުލަތުން އެ އިޖުރާއީ ނުކުތާ ނެގިއެވެ.

އެ މައްސަލައާ ބެހޭގޮތުން ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވީ، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް، ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން އިއްތިފާގުވެވަޑައިގެންނެވެ.

މި ހުކުމު އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުން ނިންމި މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތެއް ޕީޖީ އޮފީހުގައި މަސައްކަތްކުރި މައްސަލައެއްގައި، އެ މައްސަލައުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ކަމަށް ކަނޑައެޅިއެވެ.

އެހެންކަމުން ހައިކޯޓުން ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވަނީ ހުކުމްކޮށްފައެވެ.