ޚަބަރު

ގުޅިފަޅުގެ މަސައްކަތް ލަސްވެގެން، އެމްޑަބްލިއުއެސްސީއަށް 2.4 މިލިއަން ޑޮލަރު ދޭން ކުރި ހުކުމް ބަދަލެއް ނުކުރި

އިބްރާހިމް ޒަކީ

ގުޅިފަޅުގެ މަސައްކަތް ލަސްވުމުގެ ބަދަލުގެ ގޮތުގައި، އެމްޑަބްލިއުއެސްސީއަށް 2.4 މިލިއަން ޑޮލަރު ދޭން ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ)ގެ މައްޗަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ބަދަލެއް ނުގެނައެވެ.

އެ މައްސަލައަކީ ކ. ގުޅިފަޅުން 6.25 ހެކްޓަރުގެ ބިމެއް ހިއްކުމާއި، ތޮށިލުމުގެ މަސައްކަތްކުރުމަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ގައި ޖީޕީޑީއާ ހަވާލުކޮށްފައިވާ މުއްދަތަށް އެ މަސައްކަތް ނިންމާފައިނުވާ ކަމަށް ބުނާ މައްސަލައެކެވެ.

އެ މަަސައްކަތް ހަވާލުކުރުމަށް ސޮއިކުރި އެއްބަސްވުމުގައި، މަސައްކަތް ނިންމަން ފުރަތަމަ ކަނޑައަޅާފައި އޮތީ، 31 ޖުލައި 2012 އަށެވެ. ނަމަވެސް އެ މުއްދަތަށް މަސައްކަތް ނުނިންމިގެން އެއްބަސްވުމުގައި ހިމެނޭ އެ މާއްދާއަށް ފަސް ފަހަރު އިސްލާހު ގެނެސް، އެ މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 31 މާޗު 2013 ކަމަށް ދެ ފަރާތުން އެއްބަސްވުމުގައި ކަނޑައެޅިއެވެ.

ނަމަވެސް އެ މަސައްކަތް ނިިމިއްޖެ ކަމަށްބުނެ، ޖީޕީޑީން އެމްޑަބްލިއުއެސްސީއާ އެތަން ހަވާލުކޮށްފައިވަނީ 24 ސެޕްޓެމްބަރު 2013 ގައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެއީ މަސައްކަތް ނިންމަން ދެފަރާތުން ސޮއިކޮށްފައިވާ ތާރީހުގެ 64 ދުވަސް ލަސް ތާރީހެކެވެ.

އެހެންކަމުން ކަނޑައަޅާފައިވާ ތާރީހަށް އެ މަސައްކަތް ނިންމާފައި ނުވާތީ، އެއްބަސްވުމުގައިވާ ގޮތަށް ބަދަލުގެ ގޮތުގައި 3.1 މިލިއަން ޑޮލަރު 20 ދުވަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއަށް ދެއްކުމަށް ކުންފުނިން ޖީޕީޑީއަށް އެންގިއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާތީ، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް 17 ފެބްރުއަރީ 2015 ގައި އަނެއްކާވެސް އެ ކުންފުންޏަށް އެންގޮއެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އިންވޮއިސްގައިވާ ޖުމުލަ އަދަދުގެ 0.5 އިންސައްތައިގެ ރޭޓުނުް ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެންގިއެވެ.

އެ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާތީ، އޭގައިވާ 3.1 މިލިއަން ޑޮލަރާއި އެ ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ އެމްޑަބްލިއުއެސްސީއަށް ދެއްކުމަށް ޖީޕީޑީއަށް އަމުރުކޮށްދިނުމަށް އެދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު 27 އޮކްޓޫބަރު 2017 ގައި ކޮށްފައިވާ ހުކުމްގައި ވަނީ، އެމްޑަބްލިއުއެސްސީއަށް ދޭންޖެހޭ ކަމަށް އެ ކުންފުނިން ބުނާ 3.1 މިލިއަން ޑޮލަރުގެ ތެރެއިން 629،689.13 ޑޮލަރު، ޖީޕީޑީން ކޮށްފައިވާ މަސައްކަތަށް ކެނޑުމަށްފަހު، ބާކީ އޮތް 2.4 މިލިއަން ޑޮލަރު އެމްޑަބްލިއުއެސްސީއަށް ދެއްކުމަށް ޖީޕީޑީގެ މައްޗަށް ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެެއީ ޝަރުއީ ގާއިދާއާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށްބުނެ އެ ހުކުމް ބާތިލުކޮށްދިނުމަށް ޖީޕީޑީގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް 11 ފެބްރުއަރީ 2021 ގައި ހައިކޯޓުން ހުކުމް ކުރިއެވެ. ހައިކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހިގެން އެ ކުންފުނީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފު ކުރިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްފައެވެ.