ޚަބަރު

މޭރީގެ މަރު: މާވިންއަށް ކުރާ ދައުވާގެ ހެކި ހުށަހެޅުމުގެ އަޑުއެހުން އަނެއްކާވެސް ކެންސަލްކޮށްފި

އަލީ ޔާމިން

އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިންއަށް ކުރާ ދައުވާގައި ހެކި ހުށަހަޅަން މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުންވެސް ކެންސަލްކޮށްފިއެވެ.

އެ މައްސަލައިގައި މިއަދު ބާއްވަން ތާވަލުކުރީ މިމަހުގެ ދިހަ ވަނަ ދުވަހު ބާއްވަން ތާވަލްކޮށް ކެންސަލްވި އަޑުއެހުމެވެ. އެ ފަހަރު އަޑުއެހުން ކެންސަލްވީ އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ޗުއްޓީގައި ހުންނެވުމާއި އަޑުއެހުން ފަސްކޮށްދޭން ދިފާއީ ވަކީލު އެދިފައިވުމާ ގުޅިގެންނެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މިއަދު 13:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތް އެ އަޑުއެހުން ފަސްކޮށްފައިވަނީ މާވިންގެ ދިފާއީ ވަކީލުގެ އިސްމާއިލް މުހައްމަދުގެ ބަލިހާލަތު ހުރި ގޮތުން އަޑުއެހުން ފަސްކޮށްދޭން އެދިފައިވާތީއެވެ.

މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ އިތުރުން، މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ވެސް ވަނީ ހައްޔަރުކޮށް ދައުވާ އުފުލައިފައެވެ.

މި މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މި ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

މޭރީގެ މަރުގެ މައްސަލައިގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި މާވިންގެ އަޑުއެހުމުގައި އޭނާ ވަނީ، ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައެވެ. އަދި އެއްވެސް އިރެއްގައި އެއްވެސް ކަހަލަގެ ޖިސްމާނީ އަނިޔާއެއް މޭރީއަށް ދީފައި ނުވާ ކަމަށް މާވިން ބުނެފައިވެއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަނީ، ހުސްވި 2021 ވަނަ އަހަރުގެ އޮކްޓުބަރު މަހުގެ 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި، އޭނާގެ އަންހެނުން، ފިލިޕީންސްގެ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ބޮލާއި ކަރަށް ހަމަލާ ދިނުމުގެ އިތުރުން، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ. އެގޮތުން، މޭރޫގެ އޮޓޮޕްސީ ރިޕޯޓުން މޭރީގެ ބޮލަށާއި ކަރަށް ހަމަލާ ދީފައިވާކަން އެނގޭ ކަމަށާއި އެ ދުވަހު އެތަނުގައި ހުރީ ހަމައެކަނި މާވިން ކަމަށް ތަހުގީގުގައި މާވިން ބުނެފައިވާ ކަމަށާއި އޭނާގެ ފޯނުގެ ސާޗް ހިސްޓްރީން، މީހަކު މަރާލާނެގޮތް ސާޗް ކޮށްފައިވާކަން އެނގެން އޮތުމުން، އެކަން ސާބިތުވާ ކަމަށެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުން ކަމަށެވެ. ނަމަވެސް، ދައުވާއަށް މާވިން އިއުތިރާފު ވެއްޖެނަމަ، އެއްދަރަޖައަކަށް ދަށްކޮށް، އެ ކުށުގެ އަސާސީ އަދަބެއްގެ ގޮތުން ހަތް އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. ނަމަވެސް މޭރީ ހުރީ، އިސްލާމީ ދައުލަތެއްގެ ބެލުމުގެ ދަށުގައި ކަމުން، މޭރީގެ އާއިލާއިން އެދިއްޖެ ހާލަތެއްގައި މާވިންގެ ކިބައިން ގިސާސް ހިފިދާނެކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

މާވިންގެ އަޑުއެހުން ކެންސަލްކުރިއިރު، އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ބުނެފައެއް ނުވެއެވެ.