ރިޕޯޓް

މި ފޮޓޯއާއެކު އެޑިޔުކޭޝަން މިނިސްޓަރު ދޫކޮށްލެއްވި މެސެޖު، މިއަދުގެ ކޮންމެ ބެލެނިވެރިޔަކަށްވެސް މާނަހުރި އިބުރަތެއް!

ރިފާ ހަލީލު

6

ރޭޕް، ޖިންސީ ގޯނާ، ޖިންސީ ފުރައްސާރަ، މި ބަސްތަކަކީ ކޮންމެ ދުވަހަކުހެން އަޑު އިވޭ ބަސްތަކެކެވެ. އެވެނި މިވެނި ރަށެއްގައި ކުޑަ ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކޮށްފި، ނުވަތަ އެކުއްޖާގެ އާއިލީ ރައްޓެއްސެއް ޖިންސީ ގޯނާ ކޮށްފި ކަމަށްބުނެ ހަބަރުތައް ނުލިބޭ ދުވަހެއް މަދެވެ.

އަވަށްޓެރި އިންޑިއާއަކީ ވެސް މިފަދަ ކޭސްތައް އެންމެ ގިނަ އެއް ގައުމެވެ. އެކަމަކު ރާއްޖޭގައިވެސް މިފަދަ ހާދިސާތައް ހިނގަނީ މަދެއްކޮށެއް ނޫނެވެ. ދެލޮލުގެ ކޮއިފަދަ ދަރިންނަށް މިފަދަ ކަމެއް ދިމާވުމަކީ އެއްވެސް މަޔަކު އަދި ބަފަޔަކު އަދި ބެލެނެވެރިޔަކު ބޭނުންވާނެ ގޮތެއް ނޫނެވެ.

ދާދި ފަހުން ރާއްޖެއިން ބޭރުގައި ހިނގި ހާދިސާއެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. މިއީ އެންމެން ވަކީން ހާއްސަކޮށް ބެލެނެވެރިން ކަންބޮޑުވާންޖެހޭ އަދި ސަަމާލުވާން ޖެހޭ ފަދަ ހާދިސާ އެކެވެ. ކުޑަ އަންހެން ކުއްޖެއްގެ ހެދުން ލެއިން ފޯވެފައިވާ ފޮޓޯއާއެކު ވަރަށް ހާއްސަ މެސެޖެއްވެސް ވަނީ ދޫކޮށްލައިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު މި ފޮޓޯއާއެކު ކޮށްފައިވާ ޕޯސްޓު ޝެއާކޮށް ކޮމެންޓުކޮށްފައިވާއިރު ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރުވެސް ވަނީ މި ފޮޓޯ ޝެއާކުރައްވައި ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އަދި މިނިސްޓަރު ވަނީ ކޮންމެ ބެލެނެވެރިޔަކަށް ވެސް މުހިންމު މެސެޖެއް ދެއްވައިފަ އެވެ.

ފޮޓޯއާއެކު ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ވަޒީފާގައި އުޅޭ ދެމަފިރިއެއްގެ ވާހަކަ އެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ސްކޫލަށް ގެންގޮސް ގެނެސް ހަދާނެ ވަގުތު ނުވާ ދެމަފިރިއެއްގެ ވާހަކައެވެ. ދަރިފުޅު ސްކޫލަށް ގެންދިޔުމަށް ހަވާލުކޮށްފައި ހުންނަނީ އެދެމަފިރިންގެ ވަރަށް ގާތް ފިރިހެން ރައްޓެއްސަކާއެވެ. ދެމަފިރިން ކުރިމަތީގައި ދަރިފުޅަށް އޭނާ ވަރަށް ހެވެވެ. ދަރިފުޅު ސްކޫލަށް ދާން ގެއިން ނިކުތުމުން އެ ދެމަފިރިން މަސައްކަތަށް ނިކުމެ އެވެ.

މިއީ ބޭރު ގައުމެއްގައި ހިނގި ހާދިސާއެއް ނަމަވެސް މިއީ ރާއްޖޭގައިވެސް ހިނގާފައި ހުރެދާނެ ނުވަތަ ހިނގައިފާނެ ފަދަ ކަމެކެވެ. ރާއްޖެއާ ގުޅޭ އާންމު ހާލަތެކެވެ. ދަރިފުޅުގެ އުޅުމަށް ބަދަލެއް އަންނަކަން މަންމައަށް ފާހަގައެއް ނުކުރެވެއެވެ. ދަރިފުޅާއެކު މަންމައަށް ހަމައެކަނި ހޭދަ ކުރެވޭ ވަގުތަކީ ނިދާ ގަޑި އެވެ. ދަރިފުޅާ ވާހަކަ ދައްކައިލައި ކަންކަން ޝެއާ ކޮށްލާނެ ވަގުތެއް މައިންބަފައިންނަށް ނުލިބެ އެވެ. ފިލާވަޅު ހަދައިތޯ ބެލުމަށްފަހު ކާންދީ އަވަހަށް ނިންދަވަނީ އެވެ.

އެކަމަކު ދަރިފުޅުގެ ދުވަހުގެ ވަގުތު ދިޔަގޮތާ މެދު ސުވާލެއް ކޮށްލައި ކަންކަން ހިއްސާއެއް ނުކުރެވެއެވެ. ސްލޫކުގެ ވާހަކަތަކެއް، ކުލާސް ކުދީންގެ ވާހަކައެއް ނޭހެއެވެ. އެންމެ ފަހަރަކުވެސް ދަރިފުޅު ސްކޫލަށް ގެންދާ މީހާއާ ގުޅޭ ގޮތުން ދަރިފުޅާ ސުވާލެއް ނުކުރެވެއެވެ. ދަރިފުޅު އޭނާއާ ދޭތެރޭ ދެކޭ ގޮތެއް ނޭހެއެވެ. މައިންބަފައިންނަށް އެމީހާއާ މެދު އިތުބާރު ކުރެވުނަސް ދަރިފުޅު އެމީހާއާ ހަވާލު ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން ނުވިސްނުނީ އެވެ.

ދައުރުވާ ޕޯސްޓުގައިވާ ގޮތުން އޭންޖެލް ނަމަކަށް ކިޔާ މި ކުއްޖާ ކޮންމެ ދުވަހަކު ސްކޫލަށް އަންނަނީ ރޮމުންނެވެ. އުމުރުން އެންމެ ހަ އަހަރުގެ ކުއްޖެއް ކަމަށްވުމުން ސްކޫލަށް ނާންނަން ބޮޑާ ހާކަނީ ކަމަށް ޓީޗަރަށްވެސް ގަބޫލުކުރެވުނެވެ. އެކަމަކު ޓީޗަރު އެގޮތަށް މާގިނަ ދުވަހު ގަބޫލު ކުރަން ބޭނުން ނުވާތީ ކުއްޖާއާ އެތައް ފަހަރަކު އެކި ގޮތްގޮތަށް ސުވާލު ކުރި އެވެ. ހަގީގަތް ބެލިއިރު ކޮންމެ ދުވަހަކު ސްކޫލަށް އެ ކުއްޖާ ގެނައުމުގެ ކުރިން އެ ކުއްޖާ ގެންދަނީ ފިރިހެން މީހާގެ ގެއަށެވެ. އަދި ކޮންމެ ދުވަހަކު ކުއްޖާ ރޭޕްކުރުމަށްފަހު ސްކޫލަށް ގެންދެ އެވެ. ސްކޫލް ނިންމައިފައި ގެއަށް ދިޔުމުގެ ކުރިންވެސް އެ މީހާ މިކަން ކުރެ އެވެ.

ޓީޗަރުގެ ފަރާތުން މިކަން ބެލެނެވެރިޔާއަށް އެންގުނެވެ. ކުއްޖާގެ ހާލަތު މަންމައަށް ކިޔައިދޭން މިޖެހުނީ ޓީޗަރެވެ. އޭރު ކުއްޖާއަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް ގެއްލުމެއް ލިބިއްޖެ އެވެ. ވަގުތު ވަރަށް ބޮޑަށްވެސް ފާއިތުވެއްޖެ އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ އަންހެން ކުދީންގެ ކަންކަމުގައި އެއްވެސް މީހަކަށް އިތުބާރު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ނުދަންނަ މީހުންނަށް އިހުތިރާމު ކުރުމަށް ދަރީންނަށް ދަސްކޮށްދިން ނަމަވެސް ނުދަންނަ މީހަކަށް އިތުބާރު ނުކުރަން ދަރިންނަށް އަންގަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ބެލެނިވެރިންނަކީ ދަރީންގެ ގާތް އެކުވެރީންނަށް ވާންޖެހޭނެ ކަމަށާއި އޭގެ ސަބަބުން ދަރީންނަށް މައިންބަފައިން ގާތު ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފަސޭހަވާނެ ކަމަށެވެ. އަދި ދަރިންނަށްޓަކައި ބެލެނިވެރިން ވަގުތު ހުސްކުރަން ޖެހޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިފަދަ މައްސަލަތައް ދިމާވިޔަސް މިފަދަ ކަމެއް އަމިއްލަ ދަރިފުޅަށް ދިމާވިކަން ގިނަ ފަހަރު އެނގެނީ ދަރިފުޅުގެ ރައްޓެއްސެއްގެ ފުށުންނެވެ. ނުވަތަ ޓީޗަރަކު ނުވަތަ އެހެން މީހެއްގެ ފަރާތުންނެވެ. މަދު ފަހަރަކު އެތައް ގޮތަކަށް ސުވާލު ކޮށްގެން ނޫނީ މައިންބަފައިންނަކަށް ނޭނގެ އެވެ.

ދަރިފުޅު އެންމެ ކުޑައިރުން ފެށިގެން ކިތަންމެ ގާތް މީހަކަސް އަތް ލެވޭނެ ތަންތަނާއި ގައިގައި އަތްލެވޭނެ ގޮތްތައް ކިޔައިދޭން ޖެހޭނެ އެވެ. އެފަދަ ގޮތަކަށް މީހަކު އަތްލައިފިނަމަ ބިރުދެއްކިޔަސް މައިން ބަފައިންނަށް އަންގަން ޖެހޭނެކަން ދަސްކޮށްދޭން ޖެހެ އެވެ. ދުރު މީހަކަށް އަދި އެއްބަނޑު މީހަކަސް އަދިން މައިންބަފައިންކުރެ މީހަކަސް އެފަދަ ކަމެއް ކޮށްފި ކަމަށް ދަރިފުޅު ބުނެފި ނަމަ އެކަން ސީރިއަސްކޮށް ނަގަން ޖެހޭނެއެވެ. އެފަދަ ބޮޑު ވާހަކައެއް ދަރިފުޅު ބުނާނީ ކޮންމެވެސް ކަމެއް ދިމާވުމުން ކަން މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ގަބޫލުކުރަންޖެހޭނެ އެވެ. އެއީ އާއިލާ ބަދުނާމުވެދާނެ ކަމަށް ނުވަތަ ދަރިފުޅަށް ހީވި ހީވުމެއްކަމަށް ދެކިގެން ތިބުމަކީ އާހިރުގައި އޭގެ ނަތީޖާ ހިތިވާނެ ކަމެކެވެ.

ރާއްޖޭގައިވެސް މިފަދަ ކަންކަމަކީ އާންމު ކަންކަމަށްވެފައިވާއިރު ދަރީންނާއި ގާތްގުޅުމެއް މައިންބަފައިން ބޭއްވުމަކީ މުހިންމު ކަމެކެވެ. ދަރިފުޅު ގޮވައިގެން ޕާކަށް ދާން، ނުވަތަ ރެސްޓޯރަންޓަކަށް ދާން ނުވަތަ އެހެން ތަނަކަށް ދާން ނަމަވެސް މީހަކާ ހަވާލު ކުރާއިރު އެމީހަކީ ކާކުކަން ދަންނަން ޖެހޭނެ އެވެ. އަދި ގެއަށް އައުމުން ދަރިފުޅު ގާތު އެމީހާއާ ގުޅޭ ގޮތުން ސުވާލު ކުރުން ވަރަށް މުހިންމެވެ.