ހުޅުމާލެ ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދުގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ޖަހައިފިއެވެ.
އާބިދުގެ ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ވަނީ ލިބިފައެވެ.
އާބިދަކީ ހާންޖީ ރެސްޓޯރެންޓްގެ ކައްކާގެ މަސައްކަތް ކުރި މީހެކެވެ. މި ހާދިސާގައި މަރުވެފައި ވަނީ އެތަނުގައި ވެއިޓަރެއްގެ މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ޒުވާނެކެވެ.
ބަންގްލަދޭޝް މީހާއަށް ވަޅިން ހަމަލާދިނުމަށް ފަހު އާބިދު ވަނީ ފިލައިފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ދަންވަރު 2:00 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ އަތިރިމަތިންނެވެ. އާބިދުގެ ބަންދަށް މީގެ ކުރިންވެސް 15 ދުވަސް ޖަހާފައިވެއެވެ.
މިދިޔަ މަހު 16 ވަނަ ދުވަހު ދިން މި ހަމަލާގައި މަރުވި މީހާގެ ބޮލަށާއި ކަރަށް އަނިޔާވެފައިވާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު