ޚަބަރު

2023 ގައި ވާދަކުރައްވާނެ ކަމަށް ރައީސް ސޯލިހު އަބަދުވެސް ވިދާޅުވޭ: ރީކޯ މޫސަ

އަލީ ޔާމިން

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ރީކޯ އެގޮތަށް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރީކޯ މޫސަ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށާއި ރައީސް ސޯލިހާއި ރައީސް ނަޝީދާ ބައްދަލުވެ ވާހަކަފުޅު ނުދައްކަވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

"އަޅުގަނޑާ ބައްދަލުވެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރައީސް ވިދާޅުވޭ ތިމަންނަ 2023 އަށްކުރިމަތިލައްވާނަމޭ، ކުރިއަށްވަޑައިގަންނަވާނީ އުސޫލާ އެއްގޮތަށޭ،" މޫސަ ވިދާޅުވިއެވެ.

"ދިވެހި ޗެނަލް" ގެނެސްދިން ޕްރަގްރާމެއްގައި ރައީސް ނަޝީދު ވިދާޅުވީ 2023ގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ސޯލިހު ނުކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައި ނުވާކަން ފާހަގަ ކުރެއްވެވިއެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު "ސަންގުޓީވީ" އަށް ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދާ އެއްވެސް މަޝްވަރާއެއް ކުރައްވައިފައިނުވާނެ ކަމަށެވެ. އަދި އެމްޑީޕީ ޕްރައިމަރީގައި ނުވަތަ ރިޔާސީ ރޭހުގައި ވާދަނުކުރައްވަން އެއްވެސް އިރަކު ނިންމަވައިފައި ނުވާ ކަމަށާއި އެގޮތަށް ރައީސް ނަޝީދުގެ އަރިހުގައި ދަންނަވާފައިވެސް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.