މިއަދު ހެނދުނުންފެށިގެން ކުރިއަށްދާ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބަށް ފަހުގައި ވެސް ޕާޓީގެ އެތެރޭގެ ހަމަޖެހުން އޮންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދުގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު، ވަޑައިގެންނެވުމުގެ ތެރޭގައި "އަދަދު" ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވޯޓު ލެއްވީ ދަރުމަވަންތަ ސްކޫލުގައި ހުންނަ ޅ. ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އެ ސްކޫލުގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ މެންބަރުންނަށެވެ.

ވޯޓު ލެއްވުމަށްފަހު ސްޓޭޝަނުން ބޭރަށް ވަޑައިގެން ރައީސް ވިދާޅުވީ އިންތިހާބެއްގައި ފެންނާނެ ހުރިހާ ކަމެއް މި އިންތިހާބުގައި ފެނިގެން ހިނގައްޖެ ކަމަށެވެ. އެހެން ނަމަވެސް, ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންތިހާބަކީ ކިހާ މުހިއްމު އިންތިހާބެއްތޯ ދެންނެވި ސުވާލަށް ރައީސް ވިދާޅުވީ، އެމްޑީޕީގެ ކޮންމެ އިންތިހާބަކީ ވެސް މުހިއްމު އިންތިހާބެއް ކަމަށެވެ. އަދި މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި، އިންތިހާބު ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ވޯޓުލުން ކުރިއަށް މިދަނީ ވަރަށް ރަނގަޅަށް. ވަރަށް ހިތްމަޖެހޭ އިންތިޒާމްތަކާ ދޭތެރޭ،" ރައީސް ވިދާޅުވި އެވެ.

މި އިންތިހާބުގައި، ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަ ކުރައްވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިންމާއީލެވެ. ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މި އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ފައްޔާޒަށް ތާއީދުކުރައްވާ ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު ފައްޔާޒަށް އޮތް ނަމަވެސް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތާއީދުކުރައްވަނީ އިންތިއަށެވެ. އެ ޓީމުގެ އެންމެ އިސް ސަފުން ދެން ފާހަގަކޮށްލެވެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާއިރު، ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ.