ޚަބަރު

ދިވެހީންނަށް ވިސާއާ ނުލައި ޔޫރަޕަށް ދަތުރުކުރަން ފެށޭނެކަމުގެ އިޝާރާތެއް

މުހައްމަދު އިޝާން

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކާ ރާއްޖެއާ އޮންނަ ގުޅުން ބަދަހިވެފައިވާތީ ކުރިން ވިސާ ނެގުމަކާ ނުލައި، ނުވަތަ އޮން އެރިވަލް ވިސާގައި އީޔޫގެ ގައުމުތަކަށް ދިވެހިންނަށް ދަތުރުކުރަން ފެށޭނެކަމުގެ އިޝާރާތެއް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އީޔޫގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫރަޕް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވަނީ މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލްގެ ވިސާ ސެންޓަރުން ދިވެހީންނަށް އެ ގައުމުތަކަށް ދިއުމަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާތީ ޖަރުމަންވިލާތާއި ޗެކް ރިޕަބްލިކާއި އޮސްޓްރިއާ އަދި އިޓަލީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން ފުރަތަމަ ފަހަރަށް އީޔޫ އިން ހަތް އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލުގައި ރާއްޖެއަށް ވަކިން ހާއްސަކޮށް އެހީދިނުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އިގުތިސާދު ޑައިވާސިފައިކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވެސް ދާދިފަހުން ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދީފައިވާ ކަމަށާއި އެކަމަށްވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޔޫރަޕަކީ ރާއްޖޭގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޔޫރަޕަށް އެތެރެ ކުރާ ކަމަށާއި ރާއްޖެއިން ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސަގާފަތް ބަލައިގަނެ ޔޫރަޕުގެ ގައުމުތަކުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުން އަންނަ ޓެރިފް ދާދި އަވަހަށް އުވާލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އީޔޫއާއެކު އޮންނަ ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އީޔޫގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ކޮވިޑް-19 ގެ ހާލަތުގައި އީޔޫ އިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދެ މިލިއަން ޔޫރޯގެ ހިލޭ އެހީ އީޔޫ އިން ދިންކަން ޝާހިދު ފާހަގަކުރެއްވިއެވެ.