ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގެ އިސްފަރާތްތަކަށް، ޕޯޑިއަމް ތަކުގައި އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއްނޫން ކަމަށް، ބުނެ، ރައްިޔތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ފާޑު ކިޔައިފިއެވެ.
އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސިޔާސީ ބައެއް ޕާޓީތަކުގެ އިސް ފަރާތްތަކުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، އެފަރާތްތަކަށް ދެމުންދާ އިންޒާރުތަކަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ. އެކަން ކުށްވެރިކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ގާނޫނުއަސާސީގެ 236 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ވަރަށް މުހިންމު ގާނޫނީ ޒިންމާތަކެއް ހަވާލުކުރެވިފައިވާ ފަރާތްތަކެއް ކަމަށާއި، ގާނޫނީ ޒިންމާ އަދާކުރުމަށްޓަކައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، އެފަރާތްތަކުން ކުރާ ތަހުގީގުތަކާއި ނިންމާ ނިންމުންތަކުގައި ބައެއް ފަހަރަށް ސިޔާސީ ނުފޫޒު އޮތުމަކީ ގަބޫލުކުރަން ޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރުމުގައި ނުފޫޒުތަކަށް ނުބަލައި، އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން އެފަރާތްތަކަށް ދިނުމަކީ މުހިންމުކަމެއްކަމަށްވެސް ބުނެފައިވެއެވެ. ހަމައެއާއެކު، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ އޮފިސަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެފަރާތްތަކަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ އަމަލުތަކަކީ ތަހުޒީބު މުޖްތަމައުއެއްގައި އަމަލުކުރަންޖެހޭނެ ގޮތެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާނަމަ، އެކަމެއް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް އެމައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި، ސިޔާސީ ޕޯޑިއަމްތަކުގައި އެފަރާތްތަކަށް އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއް ނޫންކަމަށް ކަމަށްވެސް ބުނެފައިވެއެވެ.
ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މިދިޔަ ބުދަދުވަހު ރައީސް ޔާމީން ވަނީ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ވަޑައިގަންނަވަން ޖެހޭނީ ގެއަށް ނޫނީ ޖަލަށް ކަމަށް ވިދާޅުވެ، އިންޒާރު ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު