ރިޕޯޓް

ރާއްޖޭގެ ފުރަތަމަ ފިރިހެން ނަރުސް، ނަރުސްކަމުގެ ތާރީހުގެ ބަދަލުކޮށްލުމާއެކު ޕީއެޗްޑީއާ އަށް!

މަރިޔަމް ޝަފާ އިބްރާހިމް

7

ނަރުހެކޭ ބުނުމުން ހިތަށް ސިފަވަނީ އަންހެނެކެވެ. އެއީ ރާއްޖޭގެ ސިއްހީދާއިރާއިން ނަރުހުންގެ މަގާމުން ދިވެހި ފިިރިހެނުން ނުފެންނާތީވެ ސިފަވާގޮތެކެވެ. އެހެންނަމަވެސް މިއީ އެއްވެސް ހާލެއްގައި ވަކި ޖިންސަކަށް ހާއްސަކުރެވިފައިވާ މަސައްކަތެއް ނުވަތަ ދާއިރާއެއް ނޫނެވެ. ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ރާއްޖެއިން ބޭރު ގައުމުތަކުގެ ނަރުހުން މަސައްކަތްކުރާއިރު، ދިވެހި ފިރިހެން ނަރުހުން ސަތޭކަ ހަމަނުވާ ވަރަށް މަދުވުމަކީ ހަގީގަތުގައިވެސް ދެރަކަމެކެވެ. ސިއްހީދާއިރާގައި ޑޮކްޓަރުންނާއި އަދިވެސް އެހެން މަގާމުތަކުގައި ފިރިހެނުން ތިބޭއިރު ނަރުހުން މަދުވާން ޖެހޭ ސަބަބެއްވެސް ނެތެވެ. ތަންކޮޅެއް ކުރީގައި، ނާތަހުޒީބު ޒަމާނުގައި، ފެހުމާއި ކެއްކުމާއި، ކޭކުއެޅުމާއި، މޭކަޕްކުރުން ފަދަ އަންހެނުންނަށް ހާއްސަކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ނަރުސްކަމަކީވެސް ހިމެނުނު ކަމެކެވެ، އެހެންނަމަވެސް މިއަދު މަންޒަރުމިވަނީ މާބޮޑަށްވެސް ބަދަލުވެފައެވެ. އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ހާއްސަކުރެވިފައިވާ މަސައްކަތެއް ނޫނެވެ. ފިރިހެނަކަށްވީތީ ނަރުސްކަން ނުކުރެވެން ޖެހޭ އެއްވެސް އެހެންވެސް ސަބަބެއް ނެތެވެ.

ކަންމިހެން އޮތްކަމުގައި ވިޔަސް، މިދާއިރާއަށް ނުކުތުމުގެ ހިތްވަރު އެންމެ ފުރަތަމަ ކުރި ފަރާތަކީ އަބަދަށްވެސް ފާހަގަކުރެވޭނެ ހާއްސަ ފަރާތެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ފިރިހެން ނަރުހަކަށްވުމުގެ ޝަރަފު ލިބިފައިވާ މިނަރުހަކީ ރާއްޖޭގައި މިވަގުތު ތިބި ނަރުހުންގެ ތެރެއިން ކަނޑައެޅޭ ވަކި ހާއްސަ މަގާމެއްގައި ހުރި ނުވަތަ ނަރުހުންގެ ތެރޭގައި ހުރި ހަމައެކަނި ފިރިހެން ސްޕެޝަލިސްޓް ނަރުހެވެ.

'ކްރިޓިކަލް ކެއާރ ނާސިންގ' ނުވަތަ އިމަޖެންސީ ހާލަތްތަކާގުޅޭ ނަރުސްކަމުން އެޑްވާންސް ޑިޕްލޮމާ ހާސިލު ކޮށްގެން ހުރި ހަމައެކަނި ފިރިހެން ނަރުސް އަދި ރާއްޖޭގެ އެންމެ ފުރަތަމަ ފިރިހެން ނަރުސް ކަމަށްވާ، އަހުމަދު އަލީ، އޭނާގެ ވާހަކަ "ވަން"އާ ހިއްސާކުރިއެވެ.

ފ.އަތޮޅު ނިލަންދުއަށް އުފަން އައިޝަތު މަނިކާއި އެރަށު އަލީ އިސްމާއީލަށް ލިބިފައިވާ 5 ކުދިންގެ ތެރެއިން އެންމެ ހަގު ފިރިިހެން ދަރިފުޅު، އަހުމަދު އަލީ އަކީ ރާއްޖޭގެ ތާރީހުގައި ކުލަގަދަކޮށް ނަން ފަވާލެވިފައިވާ ހާއްސަ ފަރާތެކެވެ. އުމުރުން 39 އަހަރުގެ އަހުމަދަކީ މީހުންނާ ގުޅޭ، އުފާވެރި މިޒާޖެއްގެ އަދި އެހާމެ ހިތްހެޔޮ އޯގާތެރި ޒުވާނެކެވެ. އަހުމަދު، ސާނަވީ ތައުލީމުގެ ހަޔާތް ނިމުމާއެކު، ރަށުގެ ސިއްހީމަރުކަޒުގައި ދަސްކުރާ ނަރުހެއްގެ ގޮތުން މަސައްކަތް ކުރަން ފެށިއެވެ. ބަލިމީހުންނަށް އެހީވާހިތް އޮންނަލެއް ބޮޑުކަމުންނާއި، އަނެކުންނަށް އޯގާތެރިވެ، އަޅައިލުމާއެކު ހޭހަން ކުރަން ބޭނުންވުމާއެކު، މިފަދަ ކަންތައްތަކަކީ، މީހުންގެ އިހުތިރާމާއި ގަދަރާއި ލޯބި ލިބޭ ކަންތައްތަކެއްކަން އެނގޭތީ، އަހުމަދު ގަސްދުކުރީ ނަރުސްކަމަށް ކުރިމަތިލާށެވެ.

މީގެ 21 އަހަރު ކުރިން އަހަރު ފ.ނިލަންދޫ ސިއްހީމަރުކަޒުގައި ދަސްކުރާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އަހުމަދު ނަރުސްކަމުގެ ދާއިރާއިން ކިޔަވަން ފެށީ 2005 ވަނަ އަހަރުގައެވެ. ކޯހުގައި އުޅުނު ދުވަސްތަކުގެ ތެރޭގައި، އެކުގައި ކިޔަވަން އުޅުނީ މުޅީންވެސް އަންހެންކުދިންކަމަށާއި އެހުރިހާ ކުދިންވެސް ވަރަށް އެހީތެރިވެދިން ކަމަށް އަހުމަދު ބުނެޏެވެ.

"ހުރިހާ ކުދީންވެސް ވަރަށް ރަނގަޅު. ވަރަށް ސަޕޯޓިވް. އެކުދިން އެގޮތަށް އެހީތެރިވުމުން އަސްލު އެކުލާހުގައި އެކަންޏޭ އިންނަނީ ހިތަކަށް ނުވެސް އަރާ. ދުވަހަކުވެސް ތަފާތު ކުރުމެއް ނުފެނޭ، މިފުރުސަތުގަ ހާއްސަކޮށް މިވާހަކަ ފާހަގަވެސް ކޮށްލަން، ކޯހުގަ އުޅުނު ބައިވެރިންނަށް ވަރަށް ޝުކުރުވެސް އަދާކުރަން، ރައްޓެހި، ގާތް މާހައުލެއްގައި އުޅެވުނީމަ އަސްލު އެހާ ފަސޭހައިން ކިޔެވުން ފުރިހަމަވީވެސް. އެއީ ލިބުނު ހަމައެންމެ ބޮޑު ހިތްވަރުވެސްމެ."

އަހުމަދު ބުނި ގޮތުގައި، އޭނާއަށް ކިރިޔާވެސް އުނދަގޫވުމެއް އިހުސާސް ކުރެވުނީ ގައިނީގެ ބައިގެ ޕްރެކްޓިކަލް ޓްރެއިނިންގެ ތެރެއިންނެވެ. އެކަމަކު އޭރުވެސް އަހުމަދާއެކު އުޅުނު އެހެން ކުދިން، ބަލިމީހުން ގާތަށް ގޮސް މިއީ އަހުމަދުއޭ، ތިމަންނާމެނާއެކު ނަރުސްކަން ކިޔަވަން އުޅޭ ދިވެހި ފިރިހެންކުއްޖެކޭ ބުނެ ތައާރަފުކޮށްދެއެވެ.

"ތިމަންނަމެން ތިބޭނަމޭ އަހުމަދު މިވެނިކަމެއް ކުރާއިރު، ކިޔާ އެކުދިން ކޮށްދިން މަސައްކަތުން އަހުމަދަށް އެހާ ކާމިޔާބުކަމާއެކު ކިޔެވުނީވެސް"، އަހުމަދު ކިޔައިދިން ގޮތުގައި އެކުދިންގެ އެހީތެރިކަމާއެކު ނަރުސްކަމުގެ ފުރަތަމަ ހަރުފަތްތައް ވަރަށް ފަސޭހައިން ގިރާކޮށްލެވުނެވެ.

ހަމައެކަނި އެކުގައި ކިޔެވި ކުދިންނެއްވެސް ނޫނެވެ. އޭނައަށް ކިޔަވައިދެއްވި ހުރިހާ ފަރާތްތަކުންވެސް ވަރަށް އެއްބާރުލުން ލިބުނު ކަމަށާއި މިދާއިރާއިން މުޖުތަމައަށް ފިރިހެން ކުއްޖަކު ނެރުމަށް ބޭނުންވެފައި ތިބިކަމުން އެންމެންވެސް ހިތްވަރު ދިންކަމަށާއި ކުރިއަށް ދިއުމަށް އެއްބާރުލުން ދިންކަމަށްވެސް އަހުމަދު ކިޔައިދިނެވެ.

ފިރިހެނަކަށް ވީތީވެ، މިދާއިރާގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯއާއި މިހާރު ހުރި ހިސާބަށް އައުމަށް އަހުމަދަށް ދަތިވީ ކޮންކަންތައްތަކަކުން، ކިހިނެއްތޯ ސުވާލު ކުރުމުން އަހުމަދުގެ ޖަވާބަކަށް އިވުނީ އުފާވެރި، ވާހަކައެކެވެ؛ މިދާއިރާއަކީ ފިރިހެނަކަށް ވީތީއޭ ކިޔާފަ، ވަކިން އެއްވެސް މަލާމާތެއް، ފުރައްސާރައެއް ބަޔަކު ކުރާ ދާއިރާއެއް ނޫނެވެ. އަންހެނުންނެކޭ އެއްފަދައިން، އެއްމިންގަނޑެއްގައި ފިރިހެނުންނަށްވެސް ނަރުސްކަމުގައި މަސައްކަތް ކުރެވޭނެކަމާއި މިކަމަށް އާންމުންގެ ސަޕޯޓާއި އެއްބާރުލުންވެސް އޮތްކަމަށް އަހުމަދު ބުންޏެވެ. 2007ވަނަ އަހަރު ގްރެޖުއޭޝަނަށްފަހު އަހުމަދު، އަމިއްލަ ރަށަށް ދިއުމުން ފިރިހެން ނަރުހަކު އުޅޭކަމެއް އޭރަކު އެއްވެސް ބަޔަކަށް އެނގިފައެއް ނެތެވެ. ހަމައެހެންމެ އަމިއްލަ ރަށްކަމުން އެރަށުން އަހުމަދަށް އެއްވެސް ކަމެއް ދައްޗެއްވެސް ނުވިއެވެ. މީހުންގެ މަލާމާތެއް ނުވަތަ ދިމާކުރުމެެއް އަހުމަދަކާ ދިމާއަކަށް ނާދެއެވެ. އޭރުގެ ސަރުކާރުގެ އުސޫލު އޮންނަ ގޮތުން ކިޔަވައިގެން އައިސް ވަކިމުއްދަތަކަށް ރާއްޖެތެރޭގެ ކޮންމެވެސް ރަށަކަށް ހިދުމަތްކޮށްފައި ނޫނީ މާލެއަށް ވަޒީފާ ބަދަލެއް ނުކުރެވެއެވެ.

އެހެންކަމުން، ފ. އަތޮޅު ނިލަންދޫގައި ނަރުހެއްގެ ގޮތުގައި އުޅުމަށްފަހު، ބެޗްލާސް އޮފް ނާސިން ހެދުމަށް ދިޔައީއެވެ. އޭގެ ކުރިން، އިމަޖެންސީ ނާސިންގެ އެޑްވާންސް ޑިޕްލޮމާ އިން ކްރިޓިކަލް ކެއާ ނާސިންގ އަށް ފަހު ބެޗްލާސް އޮފް ނާސިންގ ހެދުމަށް އައިޖީއެމްއެޗަށް ބަދަލުވީކަމަށާއި ބެޗްލާސް ޑިގްރީއާއި މާސްޓާސް ޑިގްރީ ނިންމުމަށްފަހު މިހާރު އަހުމަދު ވަޒީފާ އަދާ ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާސިންގެ ކުދިން ތަމްރީނު ކުުރުމުގައެވެ. ނުވަތަ ލެކްޗަރާއެއްގެ ގޮތުގައެވެ.

ހަޔާތުގެ ބައިވެރިޔަކަށް ލިބުނު ފަރާތުންވެސް އަހުމަދަށް ލިބުނީ ބޮޑު ސަޕޯޓެކެވެ. ޒަވާޖީ ހަޔާތެއް ފަށައި، މިއަދު ދެކުދިންގެ ބައްޕައަކަށްވެސް ވެފައިވާ އަހުމަދު އޭނަގެ އެންމެ ބޮޑު ހުވަފެންކަމަށްވާ، ނަރުސްކަމުން ޕީއެޗްޑީ ހާސިލު ކުރުމަށްޓަކައި، މިހާރު އޭނާ އަންނަނީ (މެލޭޝިޔާގައި ފަސްއަހަރު ކިޔެވުމަށްފަހު،) ކޯހުގެ ބާކީ ބައި ފުރިހަމަކުރަމުންނެވެ.

އަހުމަދަށް މިދާއިރާ ހާއްސަ ވެފައި ލޮބުވެތިކަން ބޮޑެވެ. ސަބަބަކީ ބަލިވެ، ނިކަމެތިވެފައި ތިބޭ ބަޔަކަށް އަޅައިލާ ދާއިރާއަކަށް ވެފައި މިތަނުގައި މަސައްކަތް ކުރުމުން އަމިއްލަ ނަފުސަށް އެލިބޭ ރޫހާނީ ހިތްހަމަޖެހުން ބޮޑުކަމެވެ. މިހާރު މުޖުތަމައަށް ތަފާތު ފެންވަރުގެ ނަރުހުން ތަމްރީނުކޮށް ނެރެދިނުމުގައި އަމިއްލަ މަސައްކަތް ހިމެނޭތީ އަަހުމަދު އިންތިހާއަށް ހިތްހަމަޖެހެއެވެ. އަހުމަދުގެ ފަރާތުން މިދާއިރާއަށް ނުކުތުމަށް ހިތްވަރު ލިބިގަތް އެތައް ފިރިހެންކުދިންނެއް އެބަތިއްބެވެ. އިރެއްގައި އެއްގޮތަކަށްވެސް ފިރިހެނުން ފެންނަން ނުޖެހޭ ދާއިރާއެެއްކަމަށް ގަބޫލުކުރި މީހުންގެ ވިސްނުން މިއަދު ބަދަލުވުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކޮށްފައި މިވަނީ އަހުމަދެވެ.

އަހުމަދުގެ ގާތް ރަހުމަތްތެރިން އަހުމަދާ ބެހޭ ގޮތުން ބުނެފައިވާ ގޮތުގައި އަހުމަދަކީ އޯގާތެރިކަމާއި އެހީތެރިކަމުން ފުރިފައިވާ ޒުވާނެކެވެ. އެއްވެސް ކަމެއްގައި ފަސޭހަކަމާއެކު ދޫކޮށްލާފައި، ފަހަތަށް ޖެހޭކަހަލަ މީހެއް ނޫނެވެ. އެކުގައި މަސައްކަތް ކޮށްފައިވާ ނަރުހުން އަހުމަދާ މެދު ދެކެނީ އެއީ ރޫހާނީ އެހީތެރިކަމެއް ލިއްބަައިދޭ، "އިންސްޕިރޭޝަނަލް ޕާސަނަލިޓީ" ފަރާތެއްގެ ގޮތުގައެވެ. އަހުމަދުގެ ދައްތަ، އަހުމަދާ ބެހޭ ގޮތުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފުރަތަަމަ ނަރުހަށް އަހުމަދު ވީތީ އަހުމަދާމެދު ވަރަށްވެސް ފަހުރުވެރިވާކަމަށާއި ކަމަށް ނުހަނުކަމޭ ހިތާ، ފުރަތަމަ އެންމެ އިސްކަންދޭ ކަމަކީ އަހުމަދުގެ މަސައްކަތްކަމަށް، އަދި އަހުމަދަކީ ލާމަސީލު ނަމޫނާ އެދުރެއް ކަމަށެވެ. އަހުމަދުގެ މަސައްކަތާއި އަހުމަދު މިދާއިރާގައި ކުރިއަށް ދިއުމަށް ކުރާ މަސައްކަތާއި ބަލިމީހުންނަށް ހޭހަން ކުރުމުގައި ކުރާ ހިތްވަރަކީ އެތައްބަޔަކަށް މިސާލަކަށް ފުދިފައިވާ ކަންކަމެކެވެ. ބަލިމީހުންނަށް އަޅައިލުމުގައި އަތުކުރި އޮޅައިލައިގެން އަހުމަދު މިސަފުގައި ކުރިއަށް ނުކުތީ އެކަނި ނަމަވެސް، މިއަދު އަހުމަދުގެ ބަސް އަހާ، އަހުމަދަކީ އެދުރެއްކަމުގައި، އައިޑަލްއެއްގެ ގޮތުގައި ދެކޭ އެތައް ފިރިހެން ނަރުހުން މިއަދު މުޖުތަމައުގައި އުފެދެމުން އެބަދެއެވެ.

މިހިސާބަށް އައުމުގައި އާއިލާ އާއި އަނބިމީހާ އާއި ކިޔަވައިދިން އެދުރުންނާއި ލެކްޗަރާއިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއި ގަދަފަދަ ހިތްވަރަށް އަހުމަދު ފަށްފަށުން ޝުކުރުއަދާ ކުރެއެވެ. އެކުގައި އުޅޭ އެކުވެރިންނާއި ހާއްސަކޮށް އެންމެ ގާތް އެކުވެރިޔާ، ރާއިފްގެ ނަން އަހުމަދު ހާއްސަަކޮށް ފާހަގަކޮށްލިއެވެ.

އަހުމަދުގެ އެންމެބޮޑު އުއްމީދަކީ މިދާއިރާއިން ޕީއެޗްޑީ ހާސިލު ކުރެވޭނެ ދުވަހެވެ. އެދުވަހުގެ އުއްމީދުގައި މަސައްކަތް ކުރަމުން އަންނަ މިނަރުހަކީ ރާއްޖޭގެ ތާރީހުގައި ކުލަގަދަކޮށް ފަވާލެވޭނެ ނަމެކެވެ. ނަރުސްކަމުގެ ތާރީހު ބަދަލުކޮށްލުމާއެކު އިތުރު ޒުވާން ފިރިހެންނަރުހުން މިދާއިރާއަށް ނުކުތުމުގެ ހިތްވަރާއި ބާރު ދިން ފަރާތަކީވެސް އަހުމަދެވެ. އަހުމަދު ދެކޭ ގޮތުގައި ކޮންމެ މީހަކަށްވެސް މިކަން ކުރެވިދާނެއެވެ. އެއްވެސް ބަޔަކު ޖިންސުގެ ތަފާތެއް ނުބަލައެވެ. މިއީ ރަނގަޅު އާމްދަނީއެއް ލިބުމުގެ އިތުރަށް ދީނަށާއި ގައުމަށްވެސް ކޮށްދެވޭ ބޮޑުވެގެންވާ އިންސާނީ ހިދުމަތެއްކަމަށް އަހުމަދު ދެކެއެވެ.

'ވަން'އިން އަހުމަދަށް ފާގަތި، ކާމިޔާބު މުސްތަގުބަލަކަށް އެދުމާއެެކު އަހުމަދުގެ ހިތްވަރާއި މަސައްކަތަށް ސާބަސްދެމެވެ. ގައުމު އޮތީ މިފަދަ ހިތްވަރުގަދަ ޒުވާނުންގެ އެހީތެރިކަން ބޭނުންވެފައެވެ. ގައުމެއްގެ ފަހުރަކީ އެގައުމެއްގެ މިފަދަ ދަރިންނެވެ. އަހުމަދަކީ ގައުމު ފަހުރުވެރިވާ، އަދި ޝުކުރުވެރިވާ ދަރިއެކެވެ. އަމިއްލަ ވަތަނަށް އޮތް ދަރަނި އަދާ ކުރުމުގައި އަހުމަދު މާބޮޑަށްވެސް ކާމިޔާބުހޯދައިފިއެވެ.