އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިންގެ ދިވެހި ލޯބިވެރިޔާ، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް ދައުލަތުން ކުރާ ކުރިހާ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ނަމަވެސް މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެކަންޏެވެ.
މި މައްސަލައާ ބެހޭގޮތުން މީގެކުރިން ބޭއްވި އަޑުއެހުމުގައި، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އިއްވުމުން އެ ދައުވާއަށް ލަމްހާ ވަނީ އިންކާރުކޮށްފައެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އިއްވެވުމުން އެ ދެ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު އާއިޝަތު އަޒްލީނާ ވިދާޅުވީ ޕޮޓޭސިއަމް ކްލޮރައިޑް އިންޖެކްޝަން (10އެމްއެލް)ގެ ހަތަރު ފުޅި އާއި ޕްރޮޕޮފޯލް އިންޖެކްޝަން (10އެމްޖީ) ފުޅިއާއި ސަކްސިނައިލްކޮލިން އިންޖެކްޝަން (10އެމްއެލް) ފުޅިއެއްް ލަމްހާގެ ކޮޓަރިން ފެނިފައިވާ ކަމަށެވެ.
ނަމަވެސް ލަމްހާ ދިފާއު ކުރައްވައި، އޭނާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ، އެ ތިން ބޭހަކީ ހުއްދައެއް ނެތި ނުގެނެވޭނެ ބޭސްތަކެއް ކަމަށް ބުނާ ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އަދި ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރެވޭނެ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ދިފާއަށް ޖަވާބުދެެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ބޭސްތަކަކީ ހަމައެކަނި ހޮސްޕިޓަލުގެ ބޭނުމަށް ހުންނަ ބޭސްތަކެއް ކަމަށާއި، އެތަކެއްޗަކީ ހޮސްޕިޓަލުން ބޭރުގައި ނުގެންގުޅެވޭ ކެޓަގަރީގެ ބޭސްތަކެއްކަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އެ ތިން ބޭހަކީ މަނާ ބޭސްތަކެއްކަން ގާނޫނުން ކަނޑައަޅަން ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ލަމްހާގެ ގެއަކީ ހޮސްޕިޓަލެއް ނޫން ކަމަށާއި، ހަމައެކަނި ހޮސްޕިޓަލުގައި ބޭނުންކުރެވޭ ބޭހެއް އެ ތަނުގައި ހުރުމަކީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާގެ ކޮޓަރިން ފެނުނު ބޭސްތަކަކީ އެސްޓީއޯއިން އައިޖީއެމްއެޗަށް ވިއްކި ބޭސްތަކެއް ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ބޭސްތަކެއް، އެ ތަނުގެ ހުއްދައާ ނުލައި، އެތަނުން ބޭރަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަށް ޖަވާބުދެއްވަމުން ދިފާއީ ވަކީލު ވިދާޅުވީ އެ ބޭސްތަކަކީ އައިޖީއެމްއެޗްގެ އެއްޗެހިކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކި ހާމަކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު