އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުކަމުގައި ހުންނަވައިގެން ދެކޮޅު ހެއްދެވީ ހުދުމުހުތާރު، އާއިލީ ވެރިކަމަކާ ދިމާއަށް ދިއުމަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދުދެއްވައިފިއެވެ.

އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، "ރާއްޖެ ޓީވީ" އިން ރޭ ގެނެސްދިން އެމްޑީޕީ ޗެއާޕާސަން ބަހުސްގައި އަލީ އާޒިމާ ގުޅޭގޮތުން ފައްޔާޒް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ރޭގެ ބަހުސްގައި ފައްޔާޒް ވިދާޅުވީ ސަރުކާރާއި މަޖިލީހާއި އެމްޑީޕީއާ ދުރުވި މައިގަނޑު އެއް ސަބަބަކީ ޕީޖީ ލީޑަރަކަށް ހުންނަވައިގެން އަލީ އާޒިމް ނަފުރަތު އުފެއްދެވުމުން ކަމަށާއި އެކަން ނުކުރެއްވި ނަމަ، ޕާޓީގެ ތެރޭގައި މިހާރު އޮތް ހިޔާލުތަފާތުވުންތައް ވެސް ބޮޑުތަނުން ކުޑަކުރެވުނީސް ކަމަށެވެ.

"ހަގީގަތުގައި ސަރުކާރާއި މަޖިލީހާއި ޕާޓީއާ ދުރުވުމުގެ އެއް މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑު ދެކުނީ މީގެ ކުރީގައި ހުންނެވި ޕީޖީ ލީޑަރުގެ ބުރިޖު ކުރައްވަންވާ ތަނުގައި ނަފްރަތު އުފެއްދެވީމާ. އެހެންނޫން ނަމަ, ހަގީގަތުގައި އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހިޔާލުތަފާތުވުން މިއަށްވުރެ މާބޮޑު ތަނުންވެސް ކުޑަކުރެވުނީސް. ހަމައެގޮތުން ޕާޓީގެ އިދާރާގެ ޗެއާޕާސަން އަޅުގަނޑުމެންނާ ވާހަކަދައްކައިގެން ކަންކަމަށް ހައްލު ހޯދަން މަސައްކަތްކުރެއްވި ނަމަ, އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ތަފާތެއް އަސްލު މިއަދު ފެނުނީހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެ މާގަމަށް އާދެވިއްޖެ ކަމަށްވަންޏާ, އެކަން ރަނގަޅު ކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވަމުން އަލީ އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާ އިސްކޮށްފައިވާނީ ރައްޔިތުންނާއި އެމްޑީޕީ ކަމަށާއި ދެކޮޅު ހެއްދެވީ ހުދުމުހުތާރު، އާއިލީ ވެރިކަމަކާ ދިމާއަށް ދިއުމަށް ކަމަށެވެ.

"އަޅުގަނޑު އިސްކުރީ ރައްޔިތުން. އަޅުގަނޑު އިސްކުރީ އެމްޑީޕީ. އަޅުގަނޑު ދެކޮޅު ހެދީ ހުދުމުހުތާރު، އާއިލީ ވެރިކަމަކާ ދިމާއަށް ދިއުމަށް. ދުރު ފެނުނީ، ސްރީލަންކާގެ ހާލަތަށް ދާން ބޭނުން ނޫނީ،" އާޒިމް ވިދާޅުވިއެވެ.

ރޭގެ ބަހުސްގައި ފައްޔާޒް ވިދާޅުވީ މަޖިލިސް ތެރެއިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މަޖިލިސް ތެރެއިން އުނދަގޫތަކެއް ކުރިމަތިކުރުވަން ބައެއް ބޭފުޅުން މަސައްކަތްތަކެއް ކުރެއްވި ކަމުގައިވީ ނަމަވެސް, ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީ މެންބަރުންތަކެއް ތިބީމާ ބައެއް ފަހަރު އެ އަންނަ އުނދަގޫތައް ހައްލުކުރެވުނު ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި ފައްޔާޒްއާ ދެކޮޅަށް ނުކުންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.