ސަރުކާރާއި މަޖިލީހާއި އެމްޑީޕީއާ ދުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމުގައި ކުރިން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނަފުރަތު އުފެއްދެވުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އިން ރޭ ގެނެސްދިން އެމްޑީޕީ ޗެއާޕާސަން ބަހުސްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ އަސާސީ ގަވާއިދާ ހިލާފަށް ދަންމާލާފައި އޮތް ޕީޖީ ގްރޫޕުގެ ލީޑަޝިޕްގެ ދަތިކަމެއް ސަރުކާރަށް ކުރިމަތިވި ކަމަށާއި އަލީ އާޒިމް މަގާމުގައި ހުންނަވައިގެން ނަފުރަތު އުފައްދަވާފައި ނުވި ނަމަ، ޕާޓީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް ކުޑަކުރެވުނީސް ކަމަށެވެ.

"ހަގީގަތުގައި ސަރުކާރާއި މަޖިލީހާއި ޕާޓީއާ ދުރުވުމުގެ މައިގަނޑު އެއް ސަބަބެއް ކަމަށް އަޅުގަނޑު ދެކުނީ މީގެ ކުރީގައި ހުންނެވި ޕީޖީ ލީޑަރުގެ ބުރިޖު ކުރައްވަންވާ ތަނުގައި ނަފުރަތު އުފެއްދެވީމާ. އެހެންނޫން ނަމަ, ހަގީގަތުގައި އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ހިޔާލުތަފާތުވުން މިއަށްވުރެ މާބޮޑު ތަނުންވެސް ކުޑަކުރެވުނީސް. ހަމައެގޮތުން ޕާޓީގެ އިދާރާގެ ޗެއާޕާސަން އަޅުގަނޑުމެންނާ ވާހަކަދައްކައިގެން ކަންކަމަށް ހައްލު ހޯދަން މަސައްކަތްކުރެއްވި ނަމަ, އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ތަފާތެއް އަސްލު މިއަދު ފެނުނީހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެ މާގަމަށް އާދެވިއްޖެ ކަމަށްވަންޏާ, އެކަން ރަނގަޅު ކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށާއި ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ބައެއް ބޭފުޅުން އުނދަގޫތަކެއް ކުރިމަތިކުރުވި ނަމަވެސް، އެކަންކަމަށް ހައްލު ހޯދުނު ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ގާނޫނުގެ ސިފައިގައި ގެނައުމަށްޓަކައި އެބޭފުޅުން އެ ކުރެއްވި މަސައްކަތަށް އައްސަރިބަހާއި ސާބަސް އަޅުގަނޑު އަރުވަން. އަޅުގަނޑުމެންނަށް މަޖިލިސް ތެރެއިން އުނދަގޫތަކެއް ކުރިމަތިކުރުވަން ބައެއް ބޭފުޅުން މަސައްކަތްތަކެއް ކުރެއްވި ކަމުގައިވީ ނަމަވެސް, އަޅުގަނޑުމެންގެ ސަރުކާރަށް ތާއީދުކުރާ މެޖޯރިޓީ މެންބަރުންތަކެއް ތިބީމާ ބައެއް ފަހަަރު އެ އަންނަ އުނދަގޫތައް ހަންމަތަ ކުރަން, ހައްލުކުރަން. އަޅުގަނޑު ދަންނަވާނީ މަޖިލީހުގައި އަޅުގަނޑުމެންނަށް އެއްބާރުލުން މައިގަނޑު ގޮތެއްގައި ލިބޭ ކަމަށް. އަދި އަޅުގަނޑުމެންގެ ޕާޓީގެ ފަލްސަފާގައި ހުރި ކަންކަން ތަންފީޒުކުރުމަށްޓަކައި އެ ގާނޫނުތައް ހެދެމުންދާ ކަމަށް. އަދި ކުރިއަށްއޮތްތާނގައި ވެސް އެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެކަން ވެސް ޔަގީން،" ފައްޔާޒް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި ފައްޔާޒްއާ ދެކޮޅަށް ނުކުންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.