ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމންބަރުކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ފަނޑިޔާރު ނިޔާޒު ޖޭއެސްސީއަށް އައްޔަން ކުރީ، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ކުރިން ޖޭއެސްސީގައި ހުންނެވީ ފަނޑިޔާރު އަލީ ސަމީރެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ފަނޑިޔާރު ނިޔާޒް، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މަހާޒު އަލީ ޒާހިރެވެ.
ފަނޑިޔާރު ނިޔާޒު މަތީ ތައުލީމު ހާސިލުކުރެއްވީ ޝަރީއަތާއި ގާނޫނުގެ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އޭނާ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.