ޚަބަރު

އޮފީހެއްގެ ސީލިންގު ހަލާކުކޮށްލައިގެން ވަދެ، ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ނުވަ މަހަށް ޖަލަށް

މުހައްމަދު އިޝާން

ސީފުޑް ހޯލްސޭލު ކުރާ ކުންފުންޏެއްގެ އޮފީހެއް ފަޅާލައި، އެ އޮފީހުން ވައްކަންކުރި މީހަކު ނުވަ މަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކޮށްފިއެވެ.

މިިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ 2:33 ހާއިރު ސ. ފޭދޫ، އަންދަލީބުގެ، އަހުމަދު ޝުޖާއު އިތުރު މީހަކާއެކު ކ.މާލެ ހ. ފަތިސްހަނދުވަރު ގޭގައި ހުންނަ "ސީ އެންޑް ސޭންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" ގެ އޮފީހުގެ ފަހަތުގައި ޖަހާފައިވާ ޓިނުތައް ނައްޓާލައި، އެ އޮފީހުގެ ސީލިންގު ހަލާކުކޮށްލައިގެން އެ އޮފީހަށް ވަދެ، އެ އޮފީހުގެ އެކައުންޓްސް ޑިޕާޓްމަންޓުގައި ހުރި ތިޖޫރީއެއްގެ ތެރެއިން 62،000 ރުފިޔާ އާއި 2450 އެމެރިކާ ޑޮލަރާއި އެ ތިޖޫރީއާއި އެ އޮފީހުގެ މޭޒެއްގެ ޑްރޯވަރު ތެރޭގައި ހުރި 20,000 ރުފިޔާ އަދި 600 ޑޮލަރު ވަނީ ވަގަށް ނަގައިފައެވެ.

ޝުޖާއުގެ އެ އަމަލަކީ ގާނޫނުލްއުގޫބާތުގެ ދަށުން ވައްކަންކުރުމުގެ ކުށުގެ އަމަލަކަށްވާތީ ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ. އެ ކުށަށް ޝުޖާއު ވަނީ އިއުތިރާފުވެފައެވެ. އަހެންކަމުން އެ މައްސަލަ ބަލާފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ޝުޖާއުއަށް އަންނަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ޝުޖާއު ކުރި ވައްކަމުގެ ޖުމުލަ އަދަދު 100،000 ރުފިޔާއަށްވުރެ މަތިވާތީ އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބޮޑު ކުށެކެވެ. އެެހެންވެ އެ މައްސަލައާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ޝުޖާއު ވަނީ ބަންދުގައި އެއް މަހާއި 28 ދުވަސް ހޭދަކޮށްފައެވެ.

ބަންދުގައި އެއް މަހާއި 28 ދުވަސް ޝުޖާއު ހޭދަކޮށްފައިވާތީ މައްސަލަ ބެއްލެވި ގާޒީ ހުކުމްކުރީ ޝުޖާއު ތަންފީޒުކުރަން ޖެހޭނީ ހަތް މަހާއި 28 ދުވަހުގެ ޖަލު އަދަބެއް ކަމަށެވެ.

ޝުޖާއުގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ ހުއްދަނެތް ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައެވެ. އެ ކުށަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ނަމަވެސް ޝުޖާއު ތަންފީޒުކުރަން ޖެހޭނީ ވައްކަންކުރިކަން ސާބިތުވުމުގެ ސަބަބުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ އަދަބެވެ. އެއީ ދެވަނަ ދައުވާގެ ހުކުމުގައިވާ މުއްދަތަށް އޭނާ ތަހުގީގަށް ބަންދުގައި ހުރުމުންނެވެ.

މި ދެ މައްސަލަވެސް ބެއްލެވީ ގާޒީ އާދަމް މުހައްމަދެވެ.