އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި، 54 އަހަރުގެ އެމީހާ އެ ހަ ކުދިންނަށް ޖިންސީ ގޯނާކޮށްފައިވަނީ އެކި ދުވަސްމަތިންނެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ މީހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި މާދަމާ އިސްތިއުނާފުކުރާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރިން އޭނާގެ ބަންދަށް ޖެހީ 30 ދުވަހެވެ.