މާލޭގެ ގެއެއްގެ ތަޅުންގަނޑެއްގެ ދަށުގައި ފޮރުވާފައިވާ ހުއްޓައި ފެނުނު 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އަބްދުﷲ ނަޝީދުގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން މިއަދު ހަވީރު ވަނީ އަބްދުﷲ ނަޝީދު އިތުރު ދިހަ ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ފަހަރު ވެސް ޖަހާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.
އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދު މިއަދު ކުރެއްވި އެ އަމުރުގައި ވަނީ، އަބްދުﷲ ނަޝީދުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި އޭނާ މަސައްކަތްކުރާ އޮފީހުން މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ލިޔެކިޔުން ފެނިފައިވާ ކަމަށެވެ.
ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓާއި ކޯލް ޗާޓާއި އެ މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ގެއިން 42 ކިލޯ މަސްތުވާތަކެތި ފެނިފައިވުމުންނާއި އަބްދުﷲ ނަޝީދުގެ ބޭންކް އެކައުންޓް ސްޓޭޓްމެންޓުތަކަށް ބަލާ އިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ގާޒީ އާދަމް މުހައްމަދު ވިދާޅުވިއެވެ.
ފުލުހުން އަބްދުﷲ ނަޝީދުގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތެވެ.
ސާޅީސް ދެ ކިލޯގެ މަސްތުވާތަކެތި ފެނުނު ގެއަކީ ސިވިލް ކޯޓުގައި އެ ގެއާ ގުޅުންހުރި މައްސަލަތަކެއް ހިނގަމުންދާ ގެއެއް ކަމަށާއި އެހެންކަމުން އެކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އަބްދުﷲ ނަޝީދު އެގެއަށް ގޮސް ހަދާ ކަމަށް ދިފާއުން ވަނީ ބުނެފައެވެ. އެހެންވެ މަސްތުވާތަކެތި ފެނުނު ގެއަށް ދިޔަކަމަށް އަބްދުﷲ ނަޝީދު އިންކާރެއް ނުކުރެއެވެ.
އަބްދުﷲ ނަޝީދާ ދެކޮޅަށް ފުލުހުން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.
އަބްދުﷲ ނަޝީދަކީ 2006 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، އުމުރަށް ޖަލަށް ލާން ހުކުމް ކުރި މީހެކެވެ. ނަމަވެސް ޕެރޯލްގެ ދަށުން ޝަރުތުތަކެއް ކޮށް އޭނާ ހުރީ ދޫކޮށްލައިފައެވެ.
ފުލުހުން 42 ކިލޯގެ މަސްތުވާތަކެތި ހޯދި ގެ ހުންނަނީ، ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓު ކަމަށްވާ އެފްސީޕީޑީ އޮފީސް ކުރިމަތީގައި ދެބުރިއަށް ނަގާފައި ހުރި ގެއެކެވެ. ފުލުހުން އެ ގެއިން މަސްތުވާތަކެތި ހޯދާފައިވަނީ މިދިޔަ މާޗް މަހުގެ 24 އަދި 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިމާޓްމަންޓް (ޑީއީޑީ) އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ. މަސްތުވާތަކެތި ފެނިފައިވަނީ އެގޭގެ ތަޅުންގަނޑުގެ އަޑީގައި ކުޑަ ގޯޅިއެއްހެން ހަދާފައި ހުންނަ ތަނަކުންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އަބްދުﷲ ނަޝީދުގެ އިތުރުން ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ އަހުމަދު ހުސައިންއެވެ. 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މޭސްތިރިޔާކީ އަހުމަދު ހުސައިން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
އެ ތުހުމަތުތަކަށް އިންކާރުކުރަމުން މާޗު 26 ގައި ބޭއްވި އަޑުއެހުމެއްގައި އަހުމަދު ހުސައިން ބުނެފައިވަނީ، މަސްތުވާތަކެތި ފެނިފައިވަނީ އެންމެ މީހަކަށް ވަދެވޭ ތަނަކުން ނޫން ކަމަށާއި އެތަނަކީ ބޭނުން ކޮންމެ މީހަކަށް ވަނުމުގެ ފުރުސަތު އޮތް ތަނަކަށްވުމުން އޭނާގެ މައްޗަށް ތުހުމަތު ނުކުރެވޭނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެ މައްސަލަ ފެންމަތިވުމާއެކު ފުލުހުންނަށް ފިލުމަށްޓަކައި އަހުމަދު ހުސައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފޯނު ނަންބަރު ބަދަލު ކުރުމުގެ އިތުރުން ފޯނުވެސް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު