ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ، ގާސިމް ހަސަން، 59އ މަރައިލި މައްސަލައިގައިގައި ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން މިއަދު ތާވަލް ކޮށްފައިވަނީ، 11:00 އަށެވެ.

މީގެ އިރުކޮޅެއް ކުރިން ކުރިމިނަލް ކޯޓުން ވަން އަށް މައުލޫމާތުދެމުން ބުނެފައި ވަނީ މިއަދު އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ އަދުހަމް މުހައްމަދުގެ ދިފާއީ ވަކީލާ ނުގުޅިގެން ކަމަށްވެސް ކޯޓުން ބުންޏެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އަޑުއެހުން ތާވަލް ކުރާނެ ކަމަށްވެސް ކޯޓުން ބުންޏެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެކިބަސް ނެގުމެވެ.

އެގޮތުން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ ހުސްވި އޭޕްރީލްމަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވަނީ ބައެއް ހެކިންގެ ހެކިބަސް ނަގައިފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.