Close
ސްޕެނިޝް ލަލީގާ

ޗެމްޕިއަންކަން ޔަގީންވެފައިވާ ރެއާލް އަތުން އެތުލެޓިކޯ މޮޅުވެއްޖެ

ލަލީގާގެ ޗެމްޕިއަންކަން ޔަގީން ކޮށްފައި އޮތް ރެއާލް މެޑްރިޑް އަތުން އެތުލެޓިކޯ މެޑްރިޑް މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރެއާލް މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯ މޮޅުވީ 1-0 ނަތީޖާއަކުންނެވެ. އެ މޮޅާއެކު އެތުލެޓިކޯ ވަނީ ޗެމްޕިއަންސް ލީގާ ފިޔަވަޅެއް ގާތަށް ޖެހިލައިފައެވެ.

ލީގު ޗެމްޕިއަންކަން ކަށަަވަރުކޮށްފައިވާ ރެއާލް އެއް ވަނައިގައި އޮތީ 35 މެޗުން 81 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ބާސެލޯނާއަށް ވަނީ 35 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ ވަނީ ރޭ ވިޔަރެއާލް ދަނޑުގައި 1-1 އިން އެއްވަރުވެފަ އެވެ. ސެވިއްޔާ އަށް ވަނީ 35 މެޗުން 65 ޕޮއިންޓް ލިބިފައެވެ. އެތުލެޓިކޯ ހަތަރެއްގައި އޮތީ 35 މެޗުން 64 ޕޮއިންޓާ އެކުއެވެ.

ރެއާލުން ރޭގެ މެޗަށް ނެރުނު ޓީމުގެ ފުރަތަމަ 11 ގައި ކެޕްޓަން ކަރީމް ބެންޒެމާއާއި ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ އިތުރުން އެއް ނަންބަރު ގޯލްކީޕަރު ތިބޯ ކޯޝުއާ ހިމަނާފައެއް ނުވެއެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 40 ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. އެތުލެޓިކޯގެ މަޓެއުޒް ކޫންޏާއަށް ރެއާލް ޑިފެންޑަރު ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ، ޔަނިކް ކަރާސްކޯއެވެ.

ރެއާލުން ގޯލު ޖަހަން ކުރި މަސައްކަތުގައި މާކޯ އަސެންސިއޯ ޖެހި ޝޮޓެއް ބްލޮކްވިއިރު، ފެޑެރީކޯ ވަލްވޭޑޭ ފޮނުވާލި ހަމަލާތައް އެތުލެޓިކޯ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފައެވެ. އަދި އެތުލެޓިކޯއިން ކަރަސްކޯ ޖެހި އިތުރު ހަމަލާއެއް ނާކާމިޔާބުވިއެވެ.

ރެއާލްއިން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތައްޔާރުވަމުންދާ އިރު، އެޓީމުން މިމަހުގެ 29 ވަނަ ދުވަހު ޗެމްޕިއަންސް ލީގު ފައިނަލްގައި ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.