މާލޭ ގެތަކުގެ ފުރާޅުތައް ސްޓެލްކޯއިން ކުއްޔަށް ނަގައި، އެތާނގައި ސޯލާ ޖެހުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެކުންފުނިން ބުނެފިއެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އެކުންފުނިން ވަރަށް ގިނަ ރަށްރަށުގައި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ހުއްދަ ލިބި އެކަމަށް ބިމެއް ހޯދުމަށް ސިޓީ ކައުންސިލާ ވާހަކަ ދެއްކުމާ ހަމައަށް މަސައްކަތްތައް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
މާލޭގައި އިޔާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ގޭގޭގެ ފުރާޅު ކުއްޔަށް ނަގައިގެން އެތަނުގައި ސޯލާ ހަރުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އެ މަސައްކަތް ފެށުމުން، ފުރާޅު ކުއްޔަށް ދޫކުރާ ކަސްޓަމަރުންގެ ކަރަންޓު ބިލްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
"ރެންޓަށް ދިނުމާއެކީގައި ސޯލާ ޖަހާފައި އަވިން ހަކަތަ ހޯދުމުގެ މަސައްކަތް ކޮށް، އަޅުގަނޑުމެންގެ ގްރިޑާ ގުޅުވާލާނެ. ދެން ވެރިފަރާތެއްގެ ނުވަތަ އެ އިމާރާތެއްގެ ކަރަންޓުބިލުން އުނިކުރާގޮތަށް ކުއްޔަށް ނަގާ އަދަދު މި އޮންނަނީ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ސޯލާ ފިޔަވައި އެހެން ގޮތްގޮތުން އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި އުފައްދަން އުޅުމަކީ މިހާރަށް އެހާ ބޭނުންތެރިކަމެއް ނޫން ކަމަށެވެ.