އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބޭރުކޮށްލަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ދޮގު ވާހަކަތަކަކީ ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕޭން ޓީމުން މޮޅުވުމަށް ބޭނުން ކުރާ އުކުޅެއް ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެ، ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންދާ އިރު، މި އިންތިހާބުގައި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. ފައްޔާޒު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ހަނގުރާމަ އާއި ސިޔާސީ ކެމްޕެއިން ތަކުގައި އެއް ބަޔަކު މޮޅުވުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރާނެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލަން، ރައީސް ސޯލިހުގެ ފެކްޝަނުން މަސައްކަތް ކުރާ ކަމަށް ބުނެ ދައްކާ ވާހަކައަކީވެސް އިންތިގެ ކެމްޕޭން ޓީމުން މޮޅުވުމައްޓަކައި ބޭނުންކުރާ އެފަދަ އުކުޅެއް ކަމަށެވެ.

އެއީ ކެމްޕެއިނުގެ ބޭނުމަށްޓަކައި އެމްޑީޕީ މެމްބަރުންގެ ހިތްތަކުގައި ރައީސް ނަޝީދަށް އޮތް ލޯތްބާ ކުޅެލުމަށް ބޭނުންކުރާ އުކުޅެއް ކަމަށާއި އެކަން އެކުރަނީ އިންތިގެ ކެމްޕެއިން ޓީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެކަހަލަ ވާހަކައެއް ދެއްކީމާ އިތުރު އަޑެއް އަހާކަށްވެސް މީހަކު ބޭނުމެއް ނުވާނެ. އިތުރަކަށް ބަލާކަށްވެސް ބޭނުމެއް ނުވާނެ. އަޅުގަނޑުމެންވެސް އެވަރުގެ އެއްޗެއް އަޅުގަނޑުމެން އަތުގައި އޮތިއްޔާ ބޭނުން ކުރާނެ. އެކަމަށް އަޅުގަނޑު އެބޭފުޅުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން. މޮޅުވުމަށްޓަކައި އެފަދަ އުކުޅު ބޭނުންކުރާތީ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ފުރައްސާރަކުރުމާއި ނަފުރަތް އުފައްދަން އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމަށް އޭނާގެ ކެމްޕޭން ޓީމުން ނުވިސްނާ ކަމަށެވެ. އަދި އޭނާ، ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންފިނަމަ، ވާދަވެރި ކެންޑިޑޭޓްގެ ޓީމުގެ މެމްބަރުން އޭނާއަށް ބުރަކަމެއް ނުބާއްވައި އެމްޑީޕީގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށްއުއްމީދު ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ދެ ކެނޑިޑޭޓުންގެވެސް ސަޕޯޓަރުންނާއި މެމްބަރުންގެ އިތުރުން އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.