ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ 37 ނަންބަރު ފްލެޓުގެ އެޕާޓްމަންޓެއްގެ ތެރެއިންނެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އެ އެޕާޓްމެންޓް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާ އެކު ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމެންޓް ތެރެއިން އެކި ސައިޒުގެ ހަ ވަޅި އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިން ކޮޅާއި ފިލްމް ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އީދު ދުވަހުން ފެށިގެން މާލޭ އާއި ހުޅުމާލޭގައި ހިންގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އިތުރު ހަތް މީހުން ހޯދުމުގެ މަސައްކަތްތައް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު