އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަކީ މީހުން ގޮވައިގެން އުޅުމުގެ ހުނަރު ހުންނެވި ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް އިންތިއާ ދެކޮޅަށް ނުކުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަކީ ގާބިލު، ހިންގުންތެރި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
"އެމްޑީޕީ ހިންގާލުން" ކެމްޕޭން ޓީމުގެ ފަރާތުން ރޭ އާންމުކުރި ވީޑިއޯ މެސެޖެއްގައި އަނދުން ހުސައިން ވިދާޅުވީ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް އަންނަން ޖެހޭނީ ހިންގުންތެރި ބޭފުޅެއް ކަމަށެވެ.
"މިހާރު ކުރިމަތިލައްވާފައި ހުރި ދެ ކެންޑިޑޭޓުންގެ ތެރެއިން އިމްތިޔާޒް ފަހުމީއަކީ އެ ހިންގުންތެރިކަމާއި އެ ގާބިލުކަން, މީހުން ގޮވައިގެން އުޅުމުގެ ހުނަރު ހުރި ބޭފުޅެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. ފައްޔާޒް އިސްމާއީލަކީ އެފަދަ ގާބިލު, ހިންގުންތެރި ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.
އަނދުން ހުސައިން ވިދާޅުވީ ކުރިން ޗެއާޕާސަން، ޗެއާޕާސަންގެ ހައިސިއްޔަތުން ޕާޓީ ހިންގުމަށްޓަކައި އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރައްވާފައި ނުވާ ކަމަށާއި ނަމަވެސް އިކޮނޮމިކް މިނިސްޓަރުގެ ގޮތުގައި ހުންނަވައިގެން ވެސް ފައްޔާޒް އެކިއެކި ހައިސިއްޔަތުން ދަތުރުތައް ކުރައްވައި, އެބޭފުޅާގެ އެކި ތަފާތު ހައިސިއްޔަތުން އެބޭފުޅާގެ ކަންފަތްޕުޅަށް އިވިވަޑައިގަންނަވާ ވާހަކަތައް ސަރުކާރާ ހަމައަށް ގެނެސް، އެކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ޕާޓީގެ ގުނަވަންތައް ނުހިންގެއޭ. އަޅުގަނޑުމެން ޕާޓީގެ ހަރަކާތްތައް ހިންގޭނީ ދައުލަތުން ޕާޓީއަށް ދޭ ފައިސާ އެންމެ ކުޑަމިނުން ބޮލުގެ ނިސްބަތުން ދާއިރާތަކަށް ބެހިގެންނޭ. އެއީ ހަމަގައިމުވެސް ކޮފީ ބަޖެޓަކާއި ކަރަންޓު ބިލު ދައްކައިލެވޭ ވަރުގެ ފައިސާ ދާއިރާތަކަށް އަޅުގަނޑުމެން ދޭން ޖެހޭ. އެ ނުދޭ ކަމަށްވާނަމަ އަމިއްލަ ޖީބުން ހަރަދުކޮށްގެން, ހަރުގެ މަރާމާތުކޮށްގެން އެކަންކަން ކުރުން އެއީ ބުރަ ކަމަކަށް ވެފައި އޮންނަނީ،" އޭނާ ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ވަރަށް ގަދަވެފައިވާ އިރު، އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއި ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ތާއީދުކުރައްވާ ކެންޑިޑޭޓް ހާމަކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންނާއި މިނިސްޓަރުން ތާއީދުކުރައްވަމުން ގެންދަވަނީ ފައްޔާޒަށެވެ.
މިނިސްޓަރު ފައްޔާޒަށް ތާއީދުކުރައްވާ މިނިސްޓަރުންގެ ތެރޭގައި ރައީސް ނަޝީދާ ގާތް ދެ ބޭފުޅުން ކަމަށްވާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ތާއީދުކުރައްވަނީ ފައްޔާޒަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު