ދިވެހިރާއްޖޭގެ ތާރީޚު

ތާރީޚުގެ ތެރެއިން: ރަށްރަށް އަލުން އާބާދުކުރުމާއި އަތޮޅުގެ ވެރިކަން ކުރާ ރަށް ކަނޑައެޅުން

އިމާދު ލަތީފު

4

މިލަދުންމަޑުލު އުތުރުބުރިޔަކީ ދިވެހިރާއްޖޭގެ އިދާރީ އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. އާއްމުގޮތެއްގައި ކިޔަނީ ށަވިޔަނި އަތޮޅެވެ. ގާތްގަޑަކަށް ތޭރަހާސް މީހުންގެ އާބާދީއެއް އެކުލެވޭ މިއަތޮޅުގައި އޮތީ މީހުން ދިރިއުޅޭ ސާދަ ރަށެވެ. މީހުން ދިރިނޫޅޭ ރަށްރަށް ބައިވަރެވެ. މިއަތޮޅުގެ ވެރިކަން ކުރަނީ ފުނަދޫގައެވެ. އެންމެ އިހަށް އެއީ ފަރުކޮޅުފުނަދޫއެވެ. ކޮންމެއަކަސް ށަވިޔަނި އަތޮޅަކީ އެއަތޮޅުގެ އިދާރީ ތާރީޚަށް ބަލައިފިއްޔާ ރާއްޖޭގެ އެހެން ހުރިހާ އަތޮޅުތަކާއި ތަފާތު އަތޮޅެކެވެ. ޚާއްސަގޮތެއްގައި އަތޮޅުވެރިކަން ކުރަންވީ ރަށެއްގެ މައްސަލައިގައި ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި ނުހިނގާ ކަހަލަ އަރައިރުންތަކެއް ށަވިޔަނި އަތޮޅުގެ އަތޮޅުވެރިކަން ކުރަންވީ ރަށުގެ މައްސަލައިގައި ވަނީ ހިނގައިފައެވެ.

ށަވިޔަނި އަތޮޅު ހިމެނެނީ ހަގީގަތުގައި ރާއްޖޭގެ އެންމެ ބޮޑު ގުދުރަތީ އަތޮޅުކަމަށްވާ ބޮޑުތިލަދުންމަތީގައެވެ. ބޮޑު ތިލަދުންމަތި ބެހިގެންވަނީ ދެބަޔަކަށެވެ. އެންމެ ދެކުނުގެ ބަޔަކީ މިލަދުންމަޑުލެވެ. މިލަދުންމަޑުލުވެސް އޮންނަނީ އިދާރީގޮތުން ދެބައިކުރެވިފައެވެ. އުތުރުބުރިޔާއި ދެކުނުބުރިއެވެ. ދެކުނުބުރިޔަކީ ނޫނު އަތޮޅެވެ. އުތުރުބުރިޔަކީ ށަވިޔަނި އަތޮޅެވެ. ށަވިޔަނި އަތޮޅުގައި ތާރީޚީގޮތުން ވަރަށް ފާހަގަކުރެވޭ ރަށްރަށް އެބަހުއްޓެވެ. ކޮމަންޑޫއާއި ނޫމަރާއެވެ. ކަނޑިތީމާއި ޅައިމަގެވެ. އެހެންނަމަވެސް އަތޮޅުގައި މިހާރު އެންމެ އާބާދީ ބޮޑުވެފައި އެންމެ މުހިއްމު ދެރަށުގެ ގޮތުގައި ހިމެނިގެންވާ ފުނަދޫ އާއި މިލަންދޫއަށް އެކަހަލަ ތާރީޚެއް ލިބިގެންނުވެއެވެ. އޭގެ ސިއްރަކީ މި ދެރަށަކީވެސް ނިސްބަތުން ވަރަށް ފަހުން އާބާދުކުރެވިފައިވާ އައު ރަށްރަށް ކަމުގައިވުމެވެ.

އިދާރީގޮތުން މިލަދުންމަޑުލު ދެބައިކުރެވި އުތުރުބަޔަކީވެސް ވަކި އަތޮޅެއްގެ ގޮތުގައި ދައުލަތުން ހަމަޖެއްސެވީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި 1958 ގައެވެ. އެގޮތަށް ހަމަޖެއްސެވުމާއެކު އަތޮޅުވެރިކަންކުރާ ރަށުގެ ގޮތުގައި އަތޮޅު އޮފީސް ގާއިމް ކުރެވުނީ ޅައިމަގުގައެވެ. ޅައިމަގުގައި އަތޮޅު އޮފީސް ހިންގަމުންދާތާ ދިހަ އަހަރު ފަހުން ޅައިމަގާ ދާދިގާތުގައިވާ ފަޅުރަށެއް ކަމުގައިވާ ފުނަދޫ ދައުލަތުގެ ފަރާތުން އާބާދުކުރައްވައި އަތޮޅު އޮފީސްވެސް އެރަށުގައި އިމާރާތް ކުރައްވައި ފުނަދޫއަކީ އަތޮޅުގެ ވެރިކަންކުރާ ރަށްކަމުގައި 1 ޖެނުއަރީ 1968 ގައި ސަރުކާރުން ނިންމެވިއެވެ. ފުނަދޫގައި އާބާދުވެފައިވަނީ މައިގަނޑުގޮތެއްގައި ފިރުބައިދޫ މީހުންނާއި ބަމަސްދޫ މީހުންނެވެ. އެންމެ ފުރަތަމަ ފުނަދޫއަށް ބަދަލުވީ ބަމަސްދޫ މީހުންނެވެ. ފިރުބައިދޫ މީހުން ދާދިފަހަކުންނެވެ.

ފުނަދޫ އާބާދުކުރިތާ އަދިމިވީ 54 އަހަރެވެ. ފުނަދޫއަކީ މިވަގުތު ށަވިޔަނި އަތޮޅުގެ ދެވަނަޔަށް އެންމެ އާބާދީ ބޮޑު ރަށެވެ. އަތޮޅުގެ އިގްތިސާދީ ލޭނާރެވެ. އެއަތޮޅުގައި އޮތް ހަމައެކަނި އެއަރޕޯޓް އޮތީވެސް ފުނަދޫގައެވެ. ބިންހިއްކައިގެންނެވެ. އިތުރަށް ހިއްކަން ޖާގައޮތީވެސް އެރަށު ފަޅުގައެވެ. ޖެހިގެން އުތުރަށް އޮތް ފަރުކޮޅަކީ ބޭނުންވީ ކޮންމެ ވަގުތަކުވެސް ގުޅާލެވޭގޮތަށް ދާދިގާތުގައި އޮތް ފަޅުރަށެކެވެ. ށަވިޔަނި އަތޮޅުގައި މިވަގުތު އެންމެ އާބާދީ ބޮޑު ރަށަކީ މިލަންދޫއެވެ. މިއީ އާބާދުކުރެވުނުތާ އަދި މާގިނަދުވަސްވީ ރަށެއް ނޫނެވެ. މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން މިލަންދޫ ހަމަޖެއްސެވީ 2005 ގައެވެ. އެހެންވީމާ މިލަންދޫގެ އާބާދުވިތާ ރަސްމީގޮތުން އަދިމިވީ ސަތާރަ އަހަރެވެ. މިލަންދޫގައި އާބާދުވެފައިވަނީ މައިގަނޑުގޮތެއްގައި މާކަނޑޫދޫ މީހުންނެވެ.

މާކަނޑޫދޫގެ އާބާދީ ބޮޑުވުމާއި ރަށުގެ ސައިޒް ކުޑަވުމުގެ ސަބަބުން ތިމާވެށީގެ ބޮޑެތި މައްސަލަތައް އުފެދި ސަރުކާރުގެ ފަރާތުން އެރަށު މީހުން އެރަށުގެ އުތުރުން ގާތްގަނޑަކަށް ފަސްކިލޯމީޓަރު ދުރުގައިވާ ފަޅުރަށެއް ކަމަށްވާ މިލަންދޫއަށް ބަދަލުކުރުމުގެ މަޝްރޫއެއް ފެއްޓެވީ 1997 ގައެވެ. މި މަޝްރޫއު ހަލުވިކޮށް އެންމެން މިލަންދޫއަށް ބަދަލުކުރުމުގެ ނިންމުން އައީ 2004 ވަނަ އަހަރުގެ ސުނާމީއާ ގުޅިގެން މާކަނޑޫދޫގައި އެއްވެސް ބަޔަކަށް ދިރިނޫޅެވޭ ވަރަށް ރަށް ހަލާކުވުމުންނެވެ. ކޮންމެއަކަސް މިލަންދޫ އާބާދުކޮށް ނިމި، އެހެން ބައެއް ރަށްރަށުގެ މީހުންވެސް މިލަންދޫގައި ދިރިއުޅެން ފެށުމުން އެރަށް އިސާހިތަކު ވެގެންދިޔައީ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމުގައެވެ. މިލަންދޫ އާއި ފުނަދޫ މާކަދުރެއްވެސް ނޫނެވެ. ގާތްގަނޑަކަށް ތޭރަ ކިލޯމީޓަރެވެ.

މިލަންދޫ ރަސްމީކޮށް އާބާދުވިތާ ހަތަރު އަހަރުފަހުން 2009 ވަނަ އަހަރުގެ އޮކްޓޫބަރު 26 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ށަވިޔަނި އަތޮޅުގެ ވެރިރަށަކީ މިލަންދޫ ކަމަށް ނިންމަވައިފިއެވެ. އޭގެ ފަހު އަހަރު ރައްޔިތުންގެ މަޖިލީހުން އެނިންމުން ބާތިލްކުރިއެވެ. ހަމައެޔާއެކު މަޖިލީހުގެ ނިންމުން ރައީސް ނަޝީދު ވީޓޯ ކުރެއްވިއެވެ. އަނެއްކާވެސް 2011 ވަނަ އަހަރު ލާމަރުކަޒީ ނިޒާމް ތައާރަފުވެގެން އަތޮޅު ކައުންސިލް ގާއިމުވެފައި އޮންނަ ރަށުގެ މައްސަލަ ގާނޫނީ މައްސަލައެއްގެ ގޮތުގައި ފެންމަތިވެ މިލަންދޫ ކޯޓުންނާއި ފުނަދޫ ކޯޓުން ތަފާތު ދެ އަމުރެއް ނެރެ މައްސަލަ އިތުރަށް ހޫނުވެ ފުލުހުން ނެރެގެން ފުނަދޫއާއި މިލަންދޫގައި އަމަން ބަލަހައްޓާ ހިސާބަށް ކަންކަން ދިޔައެވެ. މިކަމުގައި ސްޕްރީމް ކޯޓުންވެސް ބަސްބުނާން ޖެހުނެވެ.

ސްޕްރީމް ކޯޓުގެ ބަހަށްވެސް ބައެއް ފަރާތްތަކުން ބޯނުލަނބައި ތިއްބައި މަޖިލީހުން އަނެއްކާވެސް 2012 ވަނަ އަހަރު ރައީސްގެ ވީޓޯކުރެެއްވުން ނަފީކޮށް ށަވިޔަނި އަތޮޅުގެ ވެރިރަށަކީ ފުނަދޫ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ކޮންމެއަކަސް މި އަރައިރުންގަނޑަކީ ގާނޫނީގޮތުން އެެރި އޮޅުމަކަށްވުރެ ބޮޑަށް ސިޔާސީގޮތުން ވަކި ރަށެއްގެ ފިކުރާއި އަނެއް ރަށުގެ ފިކުރަށް ރިއާޔަތްކުރެވިގެން ސިޔާސީ ބޭފުޅުން ނިންމެވި ނިންމެވުންތަކެއްގެ ނަތީޖާއެވެ. ދިވެހިރާއްޖޭގެ އެއްވެސް އަތޮޅެއްގައި އަތޮޅުވެރިކަން ކުރާ ރަށުގެ މައްސަލައިގައި މިވަރުގެ މައްސަލަތަކެއް އުފެދިފައެއް ނުވެއެވެ. އެހެންނަމަވެސް އަތޮޅުވެރިކަންކުރާ ރަށް ބަދަލުވެގެން ހިސާބެއްގެ ނުތަނަވަސްކަން އެހެން ބައެއް އަތޮޅުގައިވެސް އުފެދިފައިވެއެވެ. ފާފު އަތޮޅާއި ލާމު އަތޮޅުންވެސް މިކަމުގެ ކުލަވަރު ފެނިގެންގޮސްފައިވެއެވެ.