މިމަހުގެ 29 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ޓިކެޓުތައް ޓީމުތަކަށް ދޫކޮށްފައިވާ ގޮތުން، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފްރާންސްގެ ޕެރިސް ސްޓާޑޭ ޑި ފްރާންސް ސްޓޭޑިއަމްގައި ފައިނަލް މެޗު ކުޅެން ހަމަޖައްސާފައިވާ އިރު، އެއީ 75،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ފައިނަލުގައި ކުޅޭ ދެޓީމަށް ދޭން ޔޫއެފާއިން ނިންމާފައިވަނީ ދަނޑަށް ވަދެވޭ މީހުންގެ 26.1 ޕަސެންޓް ޓިކެޓެވެ. އެއީ ކޮންމެ ކޮންމެ ކްލަބަކަށްވެސް 19،618 ޓިކެޓެވެ.
"75،000 ޓިކެޓް ވިއްކާ މެޗެއްގައި ކުޅޭ ދެޓީމަށް، ކޮންމެ ޓީމަކަށް މި ލިބެނީ 20،000 ޓިކެޓް. އެއީ ރަނގަޅު ގޮތެއް ކަމަށް ގަބޫލުކުރެވޭތަ. ބާކީ 35،000 އެއްހާ ޓިކެޓަށް މިވަނީ ކީއްކަން ބަލަން ޖެހޭނެ،" ކްލޮޕް އިއްޔެގެ ޕްރެސްގައި ޓިކެޓް ވާހަކަދައްކަމުން ބުންޏެވެ.
ޔޫއެފާއިން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ޗެމްޕިއަންސް ލީގު ފައިނަލަށް މިހާތަނަށް ޔޫއެފާއިންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެޗަށް ދާ މީހުންނަށް 12،000 ޓިކެޓް ވިއްކައިފައެވެ. އެ ޓިކެޓުތައް އޭޕްރީލް 28 ގެ ކުރިން ޔޫއެފާއިން ވަނީ ވިއްކައިފައެވެ. އޭގެ އިތުރުން ދެން 23،000 ޓިކެޓެއް ޔޫއެފާއިން ވަނީ އެ އިދާރާގެ މެމްބަރު ގައުމުތަކަށާއި، ވިޔަފާރި ޕާޓްނަރުން އަދި ބްރޯޑްކާސްޓަރުންނަށާއި، ޔޫއެފާ ހޮސްޕިޓާލިޓީ ޕްރޮގްރާމަށް ހާއްސަކޮށްފައެވެ.
ހޮސްޕިޓާލިޓީ ޕްރޮގްރާމަށް ހާއްސަކުރި ޓިކެޓުތަކުގެ ތެރެއިންވެސް ގިނަ ޓިކެޓުތައް މިހާރު ވިކި ހުސްވެފައިވާ އިރު، ޔޫއެފާ ވެބްސައިޓުން މިހާރު ލިބެން ހުރީ 4،178 ޕައުންޑާއި 7،590 ޕައުންޑާ ދެމެދުގެ އަގަކަށް ވިއްކާ ޓިކެޓުތަކެކެވެ.
ލިވަޕޫލަށް ހާއްސަކޮށްގެން ޔޫއެފާއިން ދީފައިވާ 19،618 ޓިކެޓުގެ ތެރެއިން 21 ޕަސެންޓް ޓިކެޓް (ގާތްގަނޑަކަށް 4،000 ޓިކެޓް) ގެ އަގު ހުރީ 410.91 ޕައުންޑުގައެވެ. އެހެން ޓިކެޓުތަކުގެ އަގުތައް އުޅެނީ 50.32 އިން 578.63 ގެ އަގަކަށެވެ. ލިވަޕޫލުގެ ސަޕޯޓަރުންގެ ކްލަބުތަކުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް ޓިކެޓުގެ އަގުތައް ބޮޑުކަމުން އެކަމުގެ ޝަކުވާ ރަސްމީކޮށް ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ސެފެރިންއަށް ވެސް ހުށަހަޅައިފައެވެ.
ސަޕޯޓަރުން ސެފެރިންއަށް ފޮނުވި ހާއްސަ ސިޓީއެއްގައި ބުނެފައިވަނީ ޔޫއެފާއަކީ އެތައް ބިލިއަން ޕައުންޑެއްގެ ފައިދާގައި ހިންގާ އިދާރާއެއް ނަމަވެސް ނިކަމެތި ރައްޔިތުން ލޫޓުވުމުގެ ވިސްނުމުގައި ޓިކެޓް އަގުބޮޑު ކޮށްފައިވާ ކަމަށެވެ. އަދި ސުޕަ ލީގާއި އެހެނިހެން ލީގުތަކަށް ސަމާލުކަން ނުދޭން ޔޫއެފާއިން ނިންމީ ފުޓުބޯޅައަށް ވިޔަފާރީގެ ވިސްނުން ނުވައްދަން ކަމަށް އެ އިދާރާއިން ބުނެފައިވާ ބުނުން، މިހާރު ޖޯކަކަށް ވެފައިވާ ކަމަށްވެސް ލިވަޕޫލް ސަޕޯޓަރުން ވަނީ ބުނެފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު