އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިސްވެ ހުރެ އުފެއްދި ހާއްސަ ކޮންސޯޓިއަމަކުން ޗެލްސީ ގަނެފައިވާކަން އެ ކްލަބުން ޔަގީންކޮށްދީފިއެވެ.
ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެލްސީ ގަތުމަށް ޓޮޑް ބޯލީ، ކްލިއާ ލޭކް ކެޕިޓަލް، މާކް ވޯލްޓާގެ އިތުރުން ހެންސްޖޯގް ވިސް އެކުވެ އުފައްދާފައިވާ ވިޔަފާރި ގްރޫޕަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އިތުބާރު ނޫސްތަކުން ބުނެފައިވަނީ ޗެލްސީ ގަތުމުގެ އެއްބަސްވުންތަކުގައި މިހާރު ވަނީ ޓޮޑް ބޯލީގެ ގްރޫޕުން ސޮއިކޮށްފައެވެ. ހުރިހާ ކަމެއް ފުރިހަމަވާނީ އެ ޑީލް، އިނގިރޭސި ސަރުކާރާއި ޕްރިމިއާ ލީގުން ގަބޫލުކުރުމުންނެވެ. ބެލެވޭ ގޮތުގައި ޕްރިމިއާ ލީގުން މިއަދު އެކަން ގަބޫލުކޮށް ބަޔާން ނެރޭނެއެވެ.
ޗެލްސީގެ މެޖޯރިޓީ ހިއްސާ، ރޯމަން އަބްރަމޮވިޗް އަތުން ގަތުމަށް ޓޮޑް ބޯލީގެ ގްރޫޕުން ދައްކާފައިވާ ފައިސާގެ އަދަދަކީ 2.5 ބިލިއަން ޕައުންޑުގެ އަގެކެވެ. އެ ފައިސާ މިހާރު ޖަމާވެފައި ވާނީ އިނގިރޭސި ސަރުކާރުން ފްރީޒް ކޮށްފައިވާ ޗެލްސީގެ އެކައުންޓަކަށެވެ. އިނގިރޭސި ސަރުކާރުން އެ އެކައުންޓް އަން ފްރީޒް ކުރުމާއެކު ޗެލްސީ ވިއްކާލައިގެން ލިބޭ ސާފު ފައިދާ އެއްކޮށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށެވެ.
ޗެލްސީން ބުނި ގޮތުގައި އަލަށް ކްލަބާ ހަވާލުވާ ވެރިން، އެކިއެކި ކަންކަމަށް އިތުރު 1.75 ބިލިއަން ކްލަބުގެ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ސްޓޭޑިއަމްގެ މަރާމާތުތަކާއި، އެކަޑެމީގެ އިތުރުން އަންހެން ޓީމުގެ ކަންކަމާއި، ޗެލްސީ ފައުންޑޭޝަންގެ ކަންކަން ހިމެނެއެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ވެރިޔާ އަދި ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒުކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އޭނާއަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރިވެރިއަކަށްވާތީއެވެ.
ޗެލްސީއަށް އެޅި ފިޔަވަޅުތަކާއެކު އެ ކްލަބަށް މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި އޮތް އިރު، ކްލަބު ހިންގަން ހުއްދަ ދީފައިވަނީވެސް ވަކި ލައިސަންސެއްގެ ދަށުންނެވެ.
ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީއަށް ކުޅުންތެރިން ގެންދިއުމާއި ކުޅުންތެރިންގެ އެއްބަސްވުން އާކުރުމަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އަބްރަމޮވިޗް މަސައްކަތް ކުރަމުންދިޔައީ ރަނގަޅު ބިޑަކަށް އަވަހަށް ކްލަބު ވިއްކާލުމަށެވެ. ކްލަބު ވިއްކާލުމުގައި ބަލަންޖެހޭ ކަންކަން ބަލައި، އެކަން ކުރިއަށް ގެންދަން އަބްރަމޮވިޗް ހަވާލުކުރީ އެމެރިކާގެ ރައިނޭ ގްރޫޕާއެވެ.
ޗެލްސީ ގަތުމަށް ގިނަ ބަޔަކު ބިޑްކޮށް ފައިނަލް ޝޯޓްލިސްޓަށް ޓޮޑްގެ އިތުރުން ދެން ހޮވިފައިވަނީ އެންބީއޭގެ ބޮސްޓޮން ސެލްޓިކް އަދި ސެރެއާ އޭގެ އެޓަލާންޓާގެ ހިއްސާ އޮންނަ ސްޓެފަން ޕަގްލިއޫކާ އިސްވެ ހުށަހެޅި ބިޑާއި ކުރިން ބްރިޓިޝް އެއާވޭސްގެ ޗެއާމަންކަން ކުރި ސާ މާޓިން ބްރައުޓަން އިސްވެ ހުށަހެޅި ބިޑެވެ.