ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ހަމަލާދިން މީހުންނަށް އެކަށީގެންވާ ދައުވާއެއް ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު މިރޭ ވިދާޅުވީ ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ދެމީހަކު މިހާރުވެސް ފުލުހުންގެ ހައްޔަރުގައި އެބަތިބި ކަމަށާއި އެ ދެމީހުންނަށް ދައުވާވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ މައްޗަށްވެސް ނަޝީދަށް ދިން ހަމަލާ ރޭވުމުގެ ކުށުގެ ދައުވާ ކޮށްފައި ނުވާތީ ކަންބޮޑުވާ ކަމަށާއި އެކަމަކީ ވަރަށް ގިނަ ވަކީލުންވެސް ފާހަގަ ކުރާ ކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ.
"އަޅުގަނޑަށްވެސް ފާހަގަ ކުރެވޭ، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު. އަލިމަނިކުގެ ކުށުގެ ރެކޯޑެއްވެސް އެބައޮވޭ އަދި އޭނާގެ މައްޗަށް ކޮށްފައި އޮންނަ ދައުވާ އަކީ ޓެރަރިސްޓް ޖަމިއްޔާއަކަށް އެހީތެރިވުން. ނަމަވެސް 6 މޭ ހަމަލާގެ ފަހުންނާއި ކުރީގެ ސީސީޓީވީ ފުޓޭޖުތަކުން ވަރަށް ބައިވަރު ކަންކަން ހުރޭ ފެންނަން. ކުރުކޮށް ދަންނަވާ ކަމަށް ވަންޏާ ހަމަލާ ރޭވި ފަރާތްތަކާ މެދު އެކަށީގެންވާ ދައުވާ ކުރެވިފައި ނެތްކަން އެއީ ކަންބޮޑުވާ ކަމެއް" ހަސަން ވިދާޅުވިއެވެ.
ހަސަން ވަނީ އެމައްސަލައިގެ ޝަރީއަތްތައް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހަސަން ވިދާޅުވީ ކޯޓުން އެ މައްސަލައިގެ ޝަރީއަތްތަކުގެ ތާވަލުތަކެއް ދޭން ޖެހޭ ކަމަށާއި ޝަރީއަތްތައް ލަސްވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ނަޝީދުގެ އާއްމު ދިރުއުޅުމަށް ކުރާ ކަމަށެވެ.
އެގޮތުން ޝަރީއަތްތައް ލަސްވުމުގެ ސަބަބުން އެމްޑީޕީ ލީޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދު ރައްޔިތުންނާ ބައްދަލުކުރަންވެސް ހުރަސް އެޅިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ބަޔަކު ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެކި ގޮތްގޮތުން އެ ހަމަލާގެ ކުރިން ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކަށް ލިބުނު ކަމަށާއި ހަމަލާއަށް ފަހުވެސް މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓު ފާސްކުރުމުގައި ވެސް މަޖިލީހުގެ ކޯރަމް ގެއްލިގެން ލަސްވި ކަމަށް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ސަލާމަތާ ބެހޭ ބައެއް މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން ލިބުމުގައިވެސް ދަތިތަކާ ކުރިމަތިވި ކަމަށް ހަސަން ވަނީ ފާހަގަ ކުރައްވައިފައެވެ.
"އިންޓެލިޖެންސްގެ ފަރާތްތަކާއި އެމްއެންޑީއެފް އާއި ޕޮލިހުންގެ ފަރާތްތަކުން އަޅުގަނޑުމެން (241 ކޮމިޓީއަށް) ދިން މައުލޫމާތު ތަކުގައި އެބޭފުޅުން ވިދާޅުވެފައި އެ އޮތީ ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް މިވަގުތު، ހާއްސަކޮށް މި ހަމަލާ، ރައީސް ނަޝީދު އަށް ދިން ހަމަލާ ދިނުމަށްޓަކައި ޓެރަރިސްޓް އެކި އެކި ޖަމާއަތްތަކަށާއި މިކަންކަން ރާވައި ހިންގާ ފަރާތްތަކަށް، އެމީހުންގެ އިންޓްރެސްޓް ހުރިކަން އެބަ އިނގެޔޭ ތިމަންނަ މެންނަށް. އެ ނިޔަތް އޮތްކަން ރައީސް ނަޝީދަށް މިފަދަ ހަމަލާއެއް ދިނުމަށް،" ހަސަން ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރަމުން ގެންދާ ތަހުގީގު އަވަހަށް ފުރިހަމަކޮށް މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ. އަދި މިކަމަކީ ސިޔާސީ ކަމެއް ކަމަށް ނުދެކި ހުރިހާ މުއައްސަސާތަކުންވެސް އެކަމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ހަސަން ގޮވާލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު