އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތަކެއް މާލޭގެ މަގުތަކަށް އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާލޭގެ އެކި މަގުތަކަށް އެއްޗެހިތަކެއް ލިޔެފައިވާ ކަރުދާސްތަކެއް އަޅާފައިވާ މައްސަލަ ރޭ ފަތިހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގެ އެކި ސަރަހައްދުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އަޅާފައިވާއިރު ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވެސް ވަނީ މި ކަރުދާސްތައް އަޅައިފައެވެ.
ކަރުދާސްތައް އަޅާފައިވަނީ ކޮންބައެއްކަން މިހާތަނަށް އެނގިފައިނުވާއިރު އިދިކޮޅު ފަރާތްތަކުން ދަނީ އިންޑިއާ އައުޓްގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ އެއްވުންތަކާއި ބެނާތައް ދެމުމާއި ގްރެފިޓީ ކުރެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަރާރެއްވެސް ނެރުއްވައިފައެވެ. އެ ގަރާރު ބާތިލުކަމަށް ކަނޑަޅައިދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.