ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށައި، ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ މިވަނީ މިދިޔަ ހޯމަ ދުވަހާއި މިރޭ ހިންގި މާރާމާރީތަކާ ގުޅިގެންނެވެ. މިދިޔަ ހޯމަ ދުވަހު މާލޭގައި ދެ މާރާމާރީއެއް ހިންގާފައިވާ އިރު، މިރޭ ހުޅުމާލޭގައި ވެސް ވަނީ ދެ މާރާމާރީއެއް ހިންގައިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މާރާމާރީތަކުގެ މައްސަލައިގައި ހިންގާ އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ ފުލެޓެއް ބަލައި ފާސްކޮށްފައެވެ. އެ ފުލެޓުން ފުލުހުން ވަނީ ޒުވާނުންތަކެއް ހައްޔަރުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ހުޅުމާލޭގައި ހިންގި މާރާމާރީތަކާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ހުޅުމާލޭ ފޭސް ދޭކުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީއަކީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި ފަތިހު ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.
ހުޅުމާލޭގައި މިރޭ ހިންގި ފުރަތަމަ މާރާމާރީއަކީ ހުޅުމާލޭ ލަޔާ ރެސްޓޯރެންޓް ކައިރީގައި ހިންގި މާރާމާރީއެކެވެ. އަދި ދެވަނަ މާރާމާރީ ހިންގާފައިވަނީ ފޭސް ދޭއްގެ ބުރިޖު ކައިރީގައެވެ. އެ މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރާވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މާރާމާރީތަކުގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެ މާރާމާރީތަކުގައި ގުޅުމެއްވާ ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
މާރާމާރީތައް އިތުރުވެފައި މިވަނީ ގޭންގުތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން އޮޕަރޭޝަނެއް ވެސް ހިންގަމުން ދަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު