އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޓުވިޓާ ބޭނުންފުޅުކުރައްވަން ފައްޓަވައިފިއެވެ.

[ޔާމީންގެ ޓުވިޓާ އެކައުންޓުން](https://twitter.com/prz_ymn) ފުރަތަމަ ފަހަރަށް ޓުވީޓެއް ކުރައްވާފައިވަނީ މިރޭ 7:19 ގައެވެ. ދިވެހި ދިދައިގެ ފޮޓޯއާއެކު ރައީސް ޔާމީން ވިދާޅުވީ ދިވެއްސަކަށް ވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެ އެކައުންޓަކީ ރައީސް ޔާމީންގެ ރަސްމީ ޓުވިޓާ އެކައުންޓުކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވަނީ މިރޭ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާ ހިލާފަށް ރައީސް ޔާމީން ފާހަގަކުރެވިފައިވަނީ ސޯޝަލް މީޑިއާއާ ވަރަށް ދުރު ބޭފުޅެއްގެ ގޮތުގައެވެ. ވެރިކަމުގައި ހުންނެވި އިރުވެސް އެމަނިކުފާނުގެ މެސެޖުތައް ފޯރުކޮށްދެމުން ގެންދެވީ ރައީސް އޮފީހުގެ ރަސްމީ އެކައުންޓާއި، ޕާޓީގެ ބެލުމުގެ ދަށުން ހިންގާ އެކައުންޓުތަކުންނެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވި ހުކުމަށް ދެ އަހަރު ފަހުން ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރުމާ ގުޅިގެން މިނިވަންވަޑައިގެންނެވުމުން އެމަނިކުފާނު ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަަމުންނެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ރައީސް ޔާމީން ވަނީ ގިނަ ރަށްރަށަށް ވެސް ވަޑައިގެންފައެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގެން ސިޔާސީ މަސައްކަތަށް ނުކުންނެވި ނަމަވެސް، އެމަނިކުފާނަށް ކުރާ މަނީ ލޯންޑަރިން އާއި ރިޝަވަތުގެ ދައުވާތަކެއްގެ ޝަރީއަތްތައް މިހާރު ވެސް ކުރިއަށްދެއެވެ.