ވާދަވެރިކަން ބޮޑުވެފައިވާ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާކަން އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އިއުލާންކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެ އިންތިހާބުގައި މިނިސްޓަރު ފައްޔާޒް ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

މިނިސްޓަރު ޝައުނާ، ފައްޔާޒަށް ތާއީދުކުރައްވާކަން މިއަދު ހާމަކުރެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވައި، ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓަރު ޝައުނާގެ އެ ނިންމެވުމަކީ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ފައްޔާޒަށް ތާއީދުކުރާކަން ހާމަކުރައްވައި މިނިސްޓަރު ޝައުނާ ދެއްވި މެސެޖުގައި އެމްޑީޕީއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ، އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް، އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ކޮބައިކަން އެ ޕާޓީގެ އާއްމު މެންބަރުންނަށް ވަރަށް ސާފުވާނެ ކަމަށެވެ.

"މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް، އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވާ. އެމްޑީޕީގެ އާއްމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ،" ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ފައްޔާޒަށް ތާއީދުކުރައްވައި މިނިސްޓަރު ޝައުނާ މިއަދު ދެއްވި މެސެޖުގައި ވިދާޅުވީ، އެމްޑީޕީން ވައުދުވެ، ކުރަންހުރި ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށެވެ. އަދި ނިމިގެން މިދާ ރިޔާސީ ދައުރާއި، އަންނަ 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރުމަށް ހުރި މަސައްކަތްތައް ވެސް ވަރަށް ގިނަ ކަމަށެވެ. އެ މަސައްކަތްތައް ކުރެވޭނީ އަދި ކުރަންޖެހޭނީ ޕާޓީއާ އެކީގައި ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، ޖުމުލަކޮށް ބަލާއިރު އެ ހުރިހާ ކަމެއް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިިންތިހާބުކުރަން އެންމެ މުހިއްމު އަދި އެކަންތައްތައް ކުރެވޭނެ ބޭފުޅަކީ ފައްޔާޒް ކަމަށްވެސް ވިދާޅުވިއެވެ.

"ފައްޔާއާ އަޅުގަނޑާ އެއްބަސްވާ ކަންތައްތައް ވަރަށް މަދުވާނެ، ގިނަވާނީ ދެބަސްވާ ކަންތައްތައް. އެހެންނަމަވެސް، ދެބަސްވެ ޒުވާބުކޮށް ވާހަކަ ބަދަލުކޮށް، ކަންކަން ނިންމައިދޭ މީހެއްގެ ގޮތުގައި ފައްޔާ ފާހަގަކުރެވެނީ، އަދި ކޮޅެއްގައި ޖައްސާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެެވެނީ،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާގެ އިތުރުން ރައީސް ނަޝީދާ ވަރަށް ގާތް އަދި އާއިލީ ބޭފުޅެއް ކަމުގައިވާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ވަނީ ފައްޔާޒަށް ތާއީދުކުރައްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު އޮންނާނީ މިމަހުގެ 14 ގައެވެ.